ބ. އޭދަފުށިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފަށައިފި އެވެ.
އޭދަފުށީ ކައުންސިލުން ބުނީ، އިއްޔެ އާއި މިއަދު އޭދަފުށިން 17 މީހަކު ކޮވިޑަށް ޕޮޒިޓިވް ކަމަށެވެ. މިއާ އެކު، އެކްޓިވް ކޭސްތައް 28 އަށް ވަނީ އަރައިފަ އެވެ.
އޭދަފުށީގައި ވެސް ކޮވިޑްގެ ކޭސްތައް މިހާ ބޮޑަށް އިތުރުވާން ފަށާފައި މިވަނީ ކޮވިޑްގެ އާ ވެރިއަންޓް އޮމިކްރޮން ރާއްޖޭގައި ފެތުރެން ފެށުމާ އެކުގަ އެވެ.
ބަލީގެ ނުރައްކާ އަނެއްކާވެސް ބޮޑުވުމާ އެކު ރާއްޖޭގައި މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަނެއްކާ ވަރުގަދަކޮށް ކޮވިޑް ވެކްސިން ޕްރޮގްރާމް ވެސް ފުޅާކޮށްފަ އެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަކޮށްފައި ވާއިރު މިހާރު ވަނީ ވެކްސިންގެ ބޫސްޓަ ޑޯޒް ޖެހުމަށް ވެސް ހުޅުވާލައިފަ އެވެ.