ބީއެމްއެލްގެ ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި 258 މިލިއަން ރުފިޔާގެ ރެކޯޑް އަދަދެއް

މިރޭ ހޮޓެލް ޖެން ގައި ކުރިޔަށް ގެންދިޔަ ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ހުށަހެޅުނު ޖުމްލަ 258 މިލިއަން ރުފިޔާ (ހިއްސާއަކަށް 48 ރުފިޔާ) ދިނުމަށް ފާސްކޮށްފި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މިއީ މިހާތަނަށް ބޭންކުން ހޯދި އެންމެ ރަނގަޅު ނަތީޖާ ނިމިދިޔަ 2021 ވަނަ އަހަރު ހޯދުމަށްފަހު ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ ރެކޯޑު އަދަދެކެވެ.

ހިއްސާދާރުންނާއި މުޚާތަބުކޮށް ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔަރ ވިދާޅުވީ މިއަހަރުގެ ކުރީކޮޅު، އިންޓަރިމް ޑިވިޑެންޑް ގެ ގޮތުގައި ހިއްސާ އަކަށް 13 ރުފިޔާ ބެހުމަށް ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި މިރޭ ހިއްސާދާރުންނަށް ކުރިން ދޫކުރެވުނު އިންޓަރިމް ޑިވިޑެންޑް ހިމަނައިގެން ޖުމްލަ ފައިދާގެ ގޮތުގައި ހިއްސާއަކަށް 48 ރުފިޔާ ދޫކުރުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓިމް ސޯޔަރ ވިދާޅުވީ މީގެ ކުރިން ހިއްސާދާރުންނަށް ބެހުނު 13 ރުފިޔާ މި 48 ރުފިޔާގެ ތެރޭގައި ހިމެނޭނެ ކަމަށާއި މިއީ ބޭންކުގެ ތާރީހުގައި މިހާތަނަށް ދޫކުރެވޭ އެންމެ ބޮޑު އަދަދު ކަމަށެވެ.

“ހީވާގި ކަމާ ވަރަށް ބުރަކޮށް މަސައްކަތްކުރައްވަމުންދާ ބޭންކުގެ މުވައްޒަފުންނަށާއި ބޭންކަށް އިތުރުބާރުކުރައްވާ އަޅުގަނޑުމެންގެ ހިއްސާދާރުންނާއި ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. ކަސްޓަމަރުން އެދޭފަދަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނަން. މި ކާމިޔާބީން ދައްކުވައިދެނީ މިއީ މިހާތަނަށް ބޭންކަށް ހާސިލްކުރެވިފައިވާ އެންމެ ރަނގަޅު ނަތީޖާކަން.”

ކުރިން ދޫކުރެވުނު އިންޓަރިމް ޑިވިޑެންޑް ހިމަނައިގެން 2021 ވަނަ އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް 258 މިލިއަން ރުފިޔާ ލިބޭނެއެވެ. ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 131 މިލިއަން ރުފިޔާގެ އިތުރުން 2021 ވަނަ އަހަރުގެ ޓެކްސްގެ ގޮތުގައި 543 މިލިއަން ރުފިޔާ ލިބިގެންދާނެއެވެ.

2020 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15 ރުފިޔާގެ މަގުން ޖުމްލަ 80.7 މިލިއަން ރުފިޔާ ވަނީ ބަހާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.