ބީއެމްއެލް މިއޮތީ މިހާތަނަށް ބޭންކް އޮތް އެންމެ ރަނގަޅު ހާލަތުގައި: ސީއީއޯ

ނިމުނު އަހަރު ބޭންކް އޮފް މޯލްޑިވްސް އިން ރެކޯޑް ނަތީޖާ އެއް ހޯދާފައިވާ ކަމަށާއި ބޭންކު މިއޮތީ މިހާތަނަށް އޮތް އެންމެ ރަނގަޅު ހާލަތުގައި ކަމަށް އެ ބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވުނު ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނާއި ވާހަކަފުޅު ދައްކަވަމުން ޓިމް ވަނީ މުޅި ދުނިޔެއަށް ވެސް ދަތި އުނދަޅޫ ދަނޑިވަޅެއްގައި ބޭންކުން ފާއިތުވި ތިން އަހަރުތެރޭގައި ހޯދި ކާމިޔާބު ފާހަގަކޮށް އެކަމަށް އަލިއަޅުއްވާލާފައެވެ.

“އަޅުގަނޑުމެންނަށް ކޮވިޑް ގެ ބަލިމަޑުކަމުން ސަލާމަތްވެވުނު. އަޅުގަނޑުމެންނަށް ލޯނު ދޫކުރެވުނު، މުހިންމު ހިދުމަތްތައް ފޯރުކޮށްދެވުނު، އަދި ގައުމުގެ އިގްތިސާދު ނެގެހެއްޓުމަށް އެހީތެރިވެވުނު، ދަރަނި މަދުކުރުމަށް އެހީތެރިކަން ފޯރުކޮށްދެވުނު. ރާއްޖެއަށް އެންމެ ދަތިއުނދަގޫ ދުވަސްތައް ކުރިމަތިވި އިރު ބީއެމްއެލް ވަނީ ގައުމުގެ އިގްތިސާދު ހިފެހެއްޓުމަށް ސާބިތުކަމާއެކު މަސައްކަތްކޮށްފަ.”

ޓިމް ފާއިތުވި އަހަރުގެ ކާމިޔާބު ނަތީޖާއަށް އަލިއަޅުއްވާލައްވައި އިތުރަށް ވިދާޅުވީ މުހިންމު ލޯނުތަކުގެ ރޭޓްތައް ބޭންކުން ދަށްކުރި ނަމަވެސް، ބޭންކަށް ލިބުނު ފައިދާވަނީ ފާހަގަކޮށްލެވޭފަދަ މިންވަރަކަށް އިތުރުވެފައިވާ ކަމަށެވެ. މިގޮތުން ކުރީއަހަރަށްވުރެ %470 އިތުރުވެ، ޓެކްސް އަށް ކެނޑުމަށްފަހު 1.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ މާނައަކީ، ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ޓެކްސްގެ ގޮތުގައި 543 މިލިއަން ރުފިޔާ އަދި ހިއްސާގެ ފައިދާގެ ގޮތުގައި 131 މިލިއަން ރުފިޔާ ލިބިގެންދާނެ ކަމަށެވެ،

“މިހާރު މިވަނީ ބޭންކުގެ އައު ސްޓްރެޓެޖީ އެކުލަވާލެވިފަ. ފައިނޭންޝަލް ސްޓްބިލިޓީ، އޮޕަރޭޝަނަލް އެކްސަލެންސް އަދި ކަސްޓަމަރ އެކްސްޕީރިއަންސް އަކީ އަޅުގަނޑުމެން ސްޓްރެޓެޖީގެ މައިގަނޑު ތިން އަސާސް. އަދި މިއަސާސްތަކާއެކު ކުރިޔަށް އޮތް ތިން އަހަރު ތެރޭގައި ހާސިލް ކުރަން ބޭނުންވާ މުހިންމު ލަނޑުދަނޑިތަކެއް މިވަނީ އެކުލަވާލެވިފަ. ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަކީ ހަމަޔަގީނުންވެސް އައު ކަމެއް ނޫން. ކޮވިޑް ކުރިމަތިވި ކަމުގައިވީނަމަވެސް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް ފުޅާކުރުމަކީ އަޅުގަނޑުމެން އިސްކަމެއްދެމުން އަންނަ މުހިންމުކަމެއް. މިގޮތުން، ރާއްޖޭގެ ހުރިހާ ހިސާބެއްގައި އަޅުގަނޑުމެންގެ ހިދުމަތްތައް ހޯދުމަށް މަގުފަހިކޮށް، ބެކްއެންޑް އޮޕަރޭޝަންތައް ޑިޖިޓައިޒް ކުރުމާއި، އަޅުގަނޑުމެންގެ ރިސޯސަސް އިތުރުކުރުމާއި ބިޒްނަސް ކޮންޓިއުނިޓީގެ މަސައްކަތްތައް މިދަނީ ކުރެވެމުން. އަދިވެސް އިތުރު ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި، ނަމަވެސް އަޅުގަނޑުމެންގެ ކަސްޓަމަރ ސަރވޭ ތަކުން ދައްކާ ގޮތުން މިސްރާބު ފެށިފައިހުރީ ކާމިޔާބީއާ ދިމާލަށް.”

ބޭންކުގައި މަސައްކަތް ކުރަމުންދާ ޓީމާއި ކުރިއަރަމުންދާ މުވައްޒަފުންގެ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓިމް ވިދާޅުވީ ފާއިތުވި ތިން އަހަރު ތެރޭ ޕްރޮމޯޝަން ލިބިގެންނާއި އަލަށް ބޭންކާ ގުޅިގެން ބޭންކުގެ އެގްޒެކެޓިވް ޓީމަށް ދިވެހިން އިތުރުވެގެންދާކަމީ އުފަލާއެކު ފާހަގަ ކުރާކަމެއް ކަމަށެވެ.

“މިއަދު ބޭންކު ހިންގަމުން ދަނީ 99 ޕަސެންޓް ދިވެހިންނާއެކު. އަދި ކުރިޔަށް އޮތް ޖީލުތަކުގެ ލީޑަރުން މިދަނީ މުހިންމު ދައުރެއް އަދާކުރަމުން. މީގެ މާނައަކީ، މުސްތަގްބަލުގައި ބޭންކު ހިންގާނީ ދިވެހިންކަން. މިއީ އަޅުގަނޑުމެން ފަހުރުވެރިވާންވީ ކަމެއް.”  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.