އުރީދޫ އިން އެމް-ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް ދެނީ

އުރީދޫ އެމް-ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ހިދުމަތުގެ ޓްރަޔަލް ރަސްމީކޮށް ފަށައިފި އެވެ.

އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ލައިސަންސް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން މި އަހަރު ކުރީކޮޅު އެ ކުންފުންޏަށް ވަނީ ދީފަ އެވެ.

އުރީދޫން ބުނީ މި ލައިސަންސް ދޫކުރި ދުވަހުން ފެށިގެން އުރީދޫގެ ސިސްޓަމްތައް ބައިނަލްއަގްވާމީ ޕާޓްނަރުންނާއި އިންޓަގްރޭޓްކޮށް، މި ސިސްޓަމްގެ ތަފާތު ޓެސްޓުތައް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމުން އެމް-ފައިސާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބައިނަލްއަގުވާމީ މަނީ ޓްރާންސްފާގެ ހިދުމަތް ފޯރުކޮށްދޭން ފެށުމަކީ މޮބައިލް މަނީ ދާއިރާއިން ހާސިލުކުރެވޭ މުހިންމު ލަނޑުދަނޑިއެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

“ކުރިއަށް އޮތް މަސްތަކުގައި މި ހިދުމަތް ރަސްމީކޮށް ތައާރަފްވުމުން، އެމް-ފައިސާ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އާއިލާ އާއި ރައްޓެހިންނަށް ކޮންމެތާކުން، ކޮންމެވަގުތަކުވެސް ފަސޭހަކަމާއެކު ފައިސާ ފޮނުވާލެވޭނެ. އެމް-ފައިސާ ވޮލެޓުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނީ ދިވެހި ރުފިއްޔާއިން،” އުރީދޫން ބުންޏެވެ.

އެ ކުންފުނިން ބުނީ ފައިސާ ލިބޭ ފަރާތައް ފައިސާ ލިބޭނީ އެ މީހެއްގެ އެކައުންޓަށް ނުވަތަ ޑިޖިޓަލް ވޮލެޓްތަކަށް ޑޮލަރު ނުވަތަ އެ ގައުމެއްގެ ފައިސާއިންނެވެ.

“ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް އަޅުގަނޑުމެން މިކުރާ ދަތުރުގައި މި އަދަކީ މުހިންމު މޭލުގަލައް ހާސިލްކުރުމަށް ނެގޭ ވަރަށް ބޮޑު ފިޔަވަޅެއް. އަޅުގަނޑުމެންގެ އަމާޒަކީ ޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް ކަސްޓަމަރުންގެ މުއާމަލާތްތަކާއި ފުރުސަތުތައް ފަހި ކޮށްދިނުން. އެމް-ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ރަސްމީކޮށް އިފްތިތާހު ކުރުމާއެކު ފަސޭހަކަމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް މާލީ ފުރުސަތުތައް ފުޅާވެ، ކޮންމެތާކު އަދި ކޮންމެ ވަގުތަކުވެސް ބޭރު ގައުމުތަކުގައި ދިރިއުޅުއްވައި އާއިލާ އާއި ރައްޓެހިންނަށް ފައިސާ ޓްރާންސްފަރ ކުރުމުގެ ފަސޭހަކަން ލިބިގެންދާނެ.” އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް ވިދާޅުވި އެވެ.

އެމް-ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ހިދުމަތް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް އެމް-ފައިސާ ވޮލެޓެއް ރެޖިސްޓާ ކުރުމުން ފައިސާ ފޮނުވޭނެ އެވެ.

މި ޕްރޮޖެކްޓާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކާއި ވިޔަފާރިތަކަށް ޑިޖިޓަލް މާލީ ހިދުމަތްތައް އިތުރަށް ފަހިކޮށްް، އީޖާދީ ޕޭމަންޓް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.