ބީއެމްއެލް އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި

ބީއެމްއެލް އިން ކުރިއަށް ގެންދާ ގްރެޖުއޭޓް އިންޓާންޝިޕްގެ މި އަހަރުގެ ޕްރޮގްރާމުގައި ބައިވެރިވުުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް ހިންގާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމްގައި ބައިވެރިވާ އިންޓާނުންނަށް ވަޒީފާގެ ތަމްރީނުތަކާ އެކު ކޮންމެ މަހަކު 6،000ރ. ގެ އެލަވަންސެއް ދޭން ވަނީ ނިންމައިފަ އެވެ.

ބީއެމްއެލުން ބުނި ގޮތުގައި، ރޯދަ އިނާޔަތާއި މުސާރަ ލިބޭ 15 ދުވަހުގެ ޗުއްޓީ އަދި ސަލާމާއި އާއިލީ ޒިންމާގެ 10 ދުވަސް އިންޓާނުންނަށް ލިބޭނެ އެވެ.

ޕްރޮގްރާމް ފެށުމުގެ ކުރިން ހާސިލްކުރަން ޖެހޭ ލަނޑުދަނޑިތައް ކިޔައިދޭނެ ކަމަށާއި ކޮންމެ އިންޓާނަކަށް ވެސް ލައިން މެނޭޖަރަކާ އެކު ތަޖުރިބާކާރު އެހީތެރިއެއް އައްޔަންކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ 18 އަހަރުން މަތީ ދިވެހިންގެ ތެރެއިން ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީގެ ސެޓްފިކެޓެއް އޮތް ދަސްވެނިން ނުވަތަ އެ ލެވެލްތަކަށް ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން އެ ދާއިރާއިން އެއް އަހަރުދުވަހުގެ ތަޖުރިބާ ނެތް މީހުންނަށް އެކަންޏެވެ.

އިންޓާންޝިޕް ފުރިހަމަކުރާ ބައިވެރިންގެ ވަޒީފާގެ ޕާފޯމެންސް، ހާޒިރީ އަދި ބޭންކުގެ ސިޔާސަތުތަކާއި ގަވައިދުތަކަށް ދޭ ސަމާލުކަމަށް ބަލާ ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ ނަމަ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބީއެމްއެލް ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

މި ޕްރޮގްރާމަކީ 2018 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިހާތަނަށް 45 ވަރަކަށް އިންޓާނުން އެ ޕްރޮގްރާމުގައި ބައިވެރިވެފައިވާއިރު އޭގެތެރެއިން ގިނަ އިންޓާނުން މިހާރު ތިބީ ބީއެމްއެލްގެ ދާއިމީ ވަޒީފާގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.