އީދަށް ބޭންކު ބަންދުވާތީ މުހިންމު މުއާމަލާތްތައް ނިންމަން އެދެފި

އީދަށް ގިނަ ދުވަސްތަކަށް ބޭންކްތައް ބަންދުވާތީ، ބޭންކިންގެ މުހިންމު މުއާމަލާތްތައް މި ހަފްތާގައި ނިންމަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެއެވެ.

މި ފެށޭ ބޮޑު އީދާ އަދި ހަފްތާ ބަންދާ ގުޅިގެން ބީއެމްއެލްގެ ބްރާންޗްތައް މި މަހުގެ 10-14 އަށް ބޭންކު ބަންދުވާނެ އެވެ.  އަދި އީދު ބަންދަށް ފަހު ދެން ބޭންކު ހުޅުވޭނީ މި މަހުގެ 17 ވާ އާދިއްތަ ދުވަހު އެވެ.

އެހާ ގިނަ ދުވަސްތަކެއް ބަންދުވާތީ ކަސްޓަމަރުންނަށް ދަތި ނުވާނެހެން ހިދުމަތް ހޯދުމަށް ކުރިން ޕްލޭންކޮށް ހިދުމަތަށް އެދުމަށް ބީއެމްއެލްއިން އިލްތިމާސް ކުރެއެވެ.

“ޓީޓީ، ޗެކް ޕޮރެސެސްކުރުމާއި ލޯކަލް ޓްރާންސްފާ ފަދަ މުހިންމު ހިދުމަތްތަކަކަށް މިވަނީ ސުންގަޑި ކަނޑައެޅިފައި، އެހެންކަމުން އެ ސުންގަޑީގެ ކުރިން ހިދުމަތަށް އެދި ހުށަހެޅުއްވުމަކީ ވަރަށް މުހިންމު ކަމެއް. ސުންގަޑި އަށް ފަހުން ލިބޭ ރިކުއެސްޓް އަދި ޗެކްތައް ޕްރޮސެސްކުރެވޭނީ ދެން ބޭންކު ހުޅުވޭ ދުވަހު،” ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.

ބީއެމްއެލް އިން ބުނީ ބޭންކް ބަންދުކުރިޔަސް އިންޓަނެޓް ބޭންކިން އާއި މޮބައިލް ބޭންކިންގެ ހިދުމަތް ބޭނުންކުރެއްވޭނެ ކަމަށެވެ. ނަގުދު ފައިސާގެ މުއާމަލާތްތަކަށް އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.