މިދިޔަ ކުއާޓަރުގައި ބީއެމްއެލްއަށް 354.6 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 354.65 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު އާއްމުކުރި މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ލިބުނު ކުރިއެރުމާއި ރަނގަޅުވަމުން އަންނަ އެސެޓް ކުއަލިޓީއާއެކު ދެވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 592 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިއީ 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 19 ޕަސެންޓް އިތުރު އަދަދެކެވެ.

އެ ބޭންކުން ބުނިގޮތުގައި ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީގައި ހިފެހެއްޓިފަ އެވެ.

ދެވަނަ ކުއާޓަރުގެ މާލީ އުސް އަލިތައް:

  • ޖުމްލަ އާމްދަނީ 915.2 މިލިއަން ރުފިޔާ
  • އިންޓަރެސްޓާއި އެހެނިހެން ވިޔަފާރިން ލިބުނު އާމްދަނީ 556.5 މިލިއަން ރުފިޔާ
  • ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ 485 މިލިއަން ރުފިޔާ
  • އިންކަމް ޓެކްސްގެ ގޮތުގައި 131.1 މިލިއަން ރުފިޔާ

ބީއެމްއެލް އިން މިދިޔަ ކުއާޓަރުގައި ވަނީ ޑިޖިޓަލް ވޮލެޓް ބީއެމްއެލް ޕޭގެ ހިދުމަތް ތައާރަފްކޮށްފަ އެވެ. މި ހިދުމަތާއެކު، ކޮންޓެކްޓްލެސް ޕޭމަންޓްގެ ހިދުމަތް އަދި ވޮލެޓް- ޓު -ވޮލެޓް ޓްރާންސްފާގެ ހިދުމަތް މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް ލިބެ އެވެ.

އަދި އެ ބޭންކުގެ ޑިޖިޓަލް ސްޓްރެޓެޖީ އިތުރަށް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ބޭންކުން މާސްޓަކާޑު އަދި އެމްޓީސީސީ އާ ގުޅިގެން ރާއްޖޭގައި ޕަބްލިކް ޓްރާންސްޕޯޓް ނެޓްވޯކަށް ފުރަތަމަ ފަހަރަށް އޯޕަން ލޫޕް ޓްރާންސިޓް ކާޑުގެ ހިދުމަތް ތައާރަފް ކުރަން ވަނީ ނިންމާފައެވެ.

ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ރާވާފައިވާ ހަރަކާތްތައްވެސް ހިންގާފައިވެ އެވެ. އެގޮތުން، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އިތުރަށް ތަރައްގީކޮށް އެ މަރުކަޒަށް ބޭނުންވާ މުހިންމު ބަދަލުތައް ގެނެއުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމް “ކައިންޑްލީ” އިފްތިތާހުކުރުމާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމުގެ މަގްސަދުގައި “ބީއެމްއެލް ފެހި ޕްރޮޖެކްޓް” ވަނީ އިފްތިތާހުކޮށްފަ އެވެ.

މި ނަތީޖާ އާ ގުޅޭ ގޮތުން ބޭންކުގެ އިންޗާޖް އަދި އެކްޓިން މެނޭޖިން ޑިރެކްޓަރު އައިޝަތު ނޫރައްދީން ވިދާޅުވީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ލިބުނު ކުރިއެރުމާއެކު، ބޭންކުގެ ކުރިމަގާމެދު އުންމީދު ބޮޑު. ބޭންކު މިއަދު މިވަނީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ފަދަ ރަނގަޅު ހާލަތެއްގައި ކަމަށެވެ.

“ބޭންކުގެ ސްޓެރެޓެޖީގެ މުހިންމު ދެކަމެއް ކަމަށްވާ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ޑިޖިޓަލް ބޭންކިން ހިދުމަތްތައް ފުޅާކުރުމާއި ހިންގުން ހަރުދަނާ ކުރުމަށް އަޅުގަނޑުމެން ނުހަނު ބޮޑަށް މަސައްކަތްކުރަމުންދާނަން،” އޭނާ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 81 ސެލްފްސާވިސް ބޭންކިން ސެންޓަރު، 139 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.