އެލައިޑުން ކޮމިއުނިޓީ ފަންޑާއި ތައުލީމު ފަންޑު ތައާރަފުކޮށް އެހީ ދެނީ

އެލައިޑުގެ ސީއެސްއާރުގެ ދަށުން ދޫކުރާ އެހީ ހަ ދާއިރާއަކުން ދޫކުރުމަށްވަނީ ހަމަޖެހިފަ އެވެ.

އެގޮތުން، އިޖުތިމާއީ ދާއިރާއަށް ހާއްސަކޮށް “އެލައިޑް ކޮމިއުނިޓީ ފަންޑް” އަދި ތައުލީމީ ދާއިރާއަށް ހާއްސަކޮށް “އެލައިޑް އެޑިއުކޭޝަން ފަންޑް” ވަނީ އެ ކުންފުނިން ތައާރަފުކޮށްފައެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން، ހޮވާލެވޭ ހަތަރު ޕްރޮޖެކްޓަކަށް 50،000 ރުފިޔާއާ ހަމައަށް ފައިސާގެ އެހީ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަތޮޅު ތެރޭގެ ޖަމިއްޔާތަކަށް ހާއްސަކޮށްފައިވާ މި ފަންޑުގެ ދަށުން ހަ ދާއިރާއެއްގެ ޕްރޮޖެކްޓުތަކުގެ އެޕްލިކޭޝަން ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރޮޖެކްޓް ބަލައިގަތުމަށް ހަމަޖެހިފައިވާ ދާއިރާތައް:

  • ސިއްހީ ދުޅަހެޔޮކަން
  • އިޖުތިމާއީ ހިދުމަތް
  • ތިމާވެށި ރައްކާތެރިކުރުން
  • އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް
  • ތައުލީމު
  • ތާރީޚާއި އާސާރުތައް

މި ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު [email protected] އީމެއިލް މެދުވެރިކޮށް މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

“އެލައިޑް އެޑިއުކޭޝަން ފަންޑަށް” އެދި ހުށަހެޅުމުގެ ފުރުސަތު ސަރުކާރުގެ ހުރިހާ ސްކޫލަކަށް ވަނީ ހުޅުވާލެވިފައެވެ. އެ ފަންޑުގެ ދަށުން ސްކޫލުތަކުގެ ލައިބްރަރީ، ލެބޯޓަރީ އަދި މުދައްރިސުންނާއި ދަރިވަރުންގެ ތަމްރީނުތައް ފަދަ ކަންކަމަށް ކުރިމަތިލެވޭނެ ކަމަށެވެ. އެ ފަންޑަށް ކުރިމަތިލާ ސްކޫލުތަކުގެ ތެރެއިން ހޮވާލެވޭ އަށް ސްކޫލަކަށް 25،000 ރުފިޔާގެ ހިލޭ އެހީ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު [email protected] އީމެއިލް މެދުވެރިކޮށް މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

އެލައިޑުން ބުނީ ބޮޑެތި ޕްރޮޖެކްޓްތަކުގެ ވަކި މަރުހަލާތައް ވެސް މި ފަންޑަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި ވަކި ހިސާބަކަށް ކުރިއަށް ގެންދިޔުމަށް ފަހު، ފަންޑު ނެތިގެން ހުއްޓާލާފައިވާ ޕްރޮޖެކްޓުތައް ވެސް ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އެލައިޑުން ވަނީ “ޕްރިމިއަމް ފޯ ގުޑް” ޕްރޮގްރާމުގެ ދަށުން އެކި ދާއިރާތަކަށް އެހީވެދީފަ އެވެ. މިދިޔަ ޖޫން މަހު ވެސް އެ ކުންފުނިން ވަނީ “ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް” މެދުވެރިކޮށް ހަތަރު ސްކޫލަކަށް ޒަމާނީ ތައުލީމު ދިނުމަށް ބޭނުންވާ ވަސީލަތްތައް ހަދިޔާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.