ޒާތީ މައުލޫމާތު ނުދިނުމަށް ބީއެމްއެލްއިން އަނެއްކާ ވެސް އިލްތިމާސްކޮށްފި

މީހަކު ބީއެމްއެލް އިންޓަނެޓް ބޭންކިން ބޭނުން ކުރަނީ– ފޮޓޯ: ބީއެމްއެލް

އެކި ނަންނަމުގައި މީހުން ގުޅާ، ޒާތީ މައުލޫމާތު ހޯދާ ފައިސާ ފޭރެމުންދާތީ ބީއެމްއެލްއިން ތަކުރާރުކޮށް އާއްމުން އެކަމަށް ހޭލުންތެރި ކުރުވުމަށް މަސައްކަތްކޮށް، އެފަދަ މައުލޫމާތު ހިއްސާ ނުކުރުމަށް ދަނީ އެދެމުންނެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އެކި ގޮތްގޮތަށް ކަސްޓަމަރުންނަށް އޮޅުވާލައިގެން މައުލޫމާތު ހޯދައި އެ މައުލޫމާތު ބޭނުންކޮށްގެން އެކައުންޓުން ފައިސާގެ މުއާމަލާތްތައް ހިންގަމުންދާ ކަމަށެވެ. އެގޮތުން އެފަދަ މީހުން ކަސްޓަމަރުންނަށް އޮޅުވާލައިގެން ފޯނުކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ލިންކު ފޮނުވައިގެން އިންޓަނެޓް ބޭންކިންގެ ޔޫސާ ނޭމް އާއި ޕާސްވޯޑް ހޯދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އީމެއިލް އެޑްރެހާއި ފޯނަށް އަންނަ ޓޫ ފެކްޓާ އޮތެންޓިކޭޝަން ކޯޑާއި އޯޓީޕީ ވެސް ހޯދަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް އީމެއިލް ބޭނުންކުރެވޭނެ ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު ބޭނުންކޮށްގެން އެކައުންޓުން ފައިސާގެ މުއާމަލާތްތައް ކުރުމުގެ ފުރުސަތު އެ ފަރާތްތަކަށް ލިބިގެންދާކަމަށް ވެސް ބީއެމްއެލްއިން ބުނެއެވެ.

މި ދުވަސްވަރު ރިޕޯޓު ކޮށްފައިވާ ސްކޭމް ކޯލުތަކަށް ބަލާއިރު، ފްލެޓް ނުވަތަ ރޯހައުސްއެއް ލިބިފައިވާ ކަމަށް ބުނެ އެކި އިދާރާތަކުގެ ނަމުގައި އޮޅުވާލައިގެން ކަސްޓަމަރުންނަށް ގުޅަމުންދާ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި އެ ފަދަ މައްސަލަތަކުގައި ކަސްޓަމަރުން އީމެއިލް އަށް ވަނުމަށް ބޭނުންކުރާ ކޯޑުތައް ހިއްސާކޮށްފައި ހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި ކަސްޓަމަރުން ބައެއް ފަހަރު އެ ފަރާތްތަކުން އެދޭ ގޮތަށް ފައިސާގެ މުއާމަލާތްވެސް ކޮށްފައި ހުންނަކަން ކަމަށާ އެފަދަ ފަރާތްތަކާ މެދު ސަމާލުވުމަށް ބީއެމްއެލްއިން ވަނީ އެދިފަ އެވެ.

ބީއެމްއެލްއިން ބުނީ އޮޅުވާލައިގެން ފައިސާ ހޯދަން ގުޅާ މީހުންނަކީ ވަރަށް ގަބޫލުކުރެވޭ ފަދަ ގޮތަކަށް ވާހަކަ ދައްކާނެ ބައެއް ކަމަށެވެ. ނަމަވެސް އެއްވެސް އިދާރާއެއްގެ ނަމުގައި އިންޓަނެޓް ބޭންކިންއަށް ވަނުމަށް ބޭނުންކުރާ މައުލޫމާތުތަކާއި، އައިޑީކާޑު ނަންބަރު، އޯޓީޕީ، އީމެއިލްގެ އިތުރުން އެއްވެސް ކޯޑެއް ހޯދުމަށް ނުގުޅާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.