ބީއެމްއެލް އެމެކްސް ކާޑު ރާއްޖޭން ބޭރުގައި ބޭނުން ކުރެވޭ ގޮތް ހަދައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކުރާ އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު މިހާރު ރާއްޖެއިން ބޭރުގައިވެސް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ބީއެމްއެލްއިން ބުނީ ރާއްޖޭގައި ހަމައެކަނި ބޭނުންކުރެވޭ ގޮތަށް ފުރަތަމަ އިފްތިތާހު ކުރި އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް، ޔޫއެސް ޑޮލަރު އެކައުންޓާ ލިންކު ކުރުމުން 3،000 ޑޮލަރާ ހަމައަށް އޮންލައިންކޮށް އަދި ރާއްޖެއިން ބޭރުގައި ކުރާ މުއާމަލާތްތަކަށް މިހާރު ބޭނުންކުރެވޭނެ ކަމަށެވެ. 

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ އެމެރިކަން އެކްސްޕްރެސްއާއެކު އެ ބޭންކުން ހަދާފައިވާ ދުވަސްވީ ޕާޓްނާޝިޕްގެ އެހީގައި އެ ކާޑުގެ ބޭނުން އިތުރަށް ފުޅާކޮށް، ރާއްޖެއިން ބޭރުގައި އެމެރިކަން އެކްސްޕްރެސް ބަލައިގަންނަ ހުރިހާ މާޗަންޓުން މެދުވެރިކޮށް އެ ކާޑު ބޭނުންކުރެވޭ ގޮތަށް ބަދަލުގެނެވުކަމީ ލިބޭ އުފަލެއް ކަމަށެވެ.

“ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާއިރު މިގެނެވުނު ބަދަލުންވެސް ރާއްޖޭގައި ކާޑު ދޫކުރުމުގައި ބީއެމްއެލްއިން އަދާކުރަމުންދާ އިސްދައުރު ދައްކުވައިދޭ،”  ނޫރައްދީން ވިދާޅުވިއެވެ.

އެމެރިކަން އެކްސްޕްރެސްގެ ފަރާތުން، ވައިސް ޕްރެސިޑެންޓް، ގްލޯބަލް ނެޓްވޯކް ސާވިސަސް އިންޑިއާ އެންޑް ސައުތް އޭޝިއާ، ޑިވްޔާ ޖައިން ވިދާޅުވީ ދެކުނު އޭޝިއާގައި ބީއެމްއެލްއަކީ އެމެރިކަން އެކްސްޕްރެސްއަށް މުހިންމު ޕާޓްނަރެއް ކަމަށެވެ.

“ރާއްޖެއިން ބޭރުގައި އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު ބޭނުންކުރެވޭ ގޮތަށް ގެނެވުނު ބަދަލަކީ ރާއްޖޭގައި ތިބި އަޅުގަނޑުމެންގެ މެންބަރުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ހަރަދު ކުރާ ގޮތަށް ބެލުމަށްފަހު އިތުރު ލުއި ފަސޭހަކަމެއް ހޯދައިދިނުމަށް ގެނެވުނު މުހިންމު ބަދަލެއް،”  އޭނާ ވިދާޅުވިއެވެ.

އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު މިހާރު ބޭނުންކުރާ ކަސްޓަމަރުންނަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓެއް ކަނޑައެޅުމަށް އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި އަލަށް ކާޑު ހައްދަން ބޭނުންވާ ކަސްޓަމަރުންނަށް ވެސް ކާޑަށް އެދި އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް އެ ބޭންކުން ބުންޏެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.