ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮމިއުނިޓީ ފަންޑުގެ މިއަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ފިޔަވާހީގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށެވެ. މި ފިޔަވަހީގައި މުޅި ޖުމްލަ 10 ޕްރޮޖެކްޓް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައެޅިފައެވެ.
ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް އާ ގުޅޭ ލިޔެކިޔުންތައް އަންނަ މަހުގެ 17 ގެ ކުރިން ބީއެމްއެލްގެ އީމެއިލް މެދުވެރިކޮށް ފޮނުވުމަށް ވަނީ އެދިފަ އެވެ. ބީއެމްއެލްގެ އީމެއިލް އަކީ [email protected] އެވެ.
ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލި ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 70 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ބީއެމްއެލް އިން ދީފައިވެ އެވެ.