ބީއެމްއެލްގެ އެހީގައި ބޮޑުފޮޅުދޫ ސްކޫލްގައި ސާފު ބޯފެން ލިބޭނެ ސިސްޓަމެއް ގާއިމްކޮށްފި

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ ދަށުން އއ. ބޮޑުފޮޅުދޫ ސްކޫލްގައި ސާފު ބޯފެން ލިބޭނެ ސިސްޓަމެއް ގާއިމްކޮށްފިއެވެ.

ބީއެމްއެލުން ބުނީ، މި ޕްރޮޖެކްޓް ގެ އަމާޒަކީ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ރައްކާތެރި ފެން ފޯރުކޮށްދިނުމާއި އެއްފަހަރާ ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުން ކަމަށެވެ.

މިގޮތުން، އިންޑަސްޓްރިއަލް އާރުއޯ މެޝިނެއް ބަހައްޓައި އެ މެޝިނުން އުފައްދާ ފެން ރައްކާކުރެވި ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ފަސޭހައިން ބޯން ލިބޭނެހެން ސްކޫލުގައި ވަނީ 2 ވޯޓަރ ޑިސްޕެންސަރވެސް ބަހައްޓާފައެވެ.

ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ރިވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން ފަރާތުން މުސްތަފާ އަހްމަދު ވިދާޅުވީ، މި ޕްރޮޖެކްޓްގެ ސަބަބުން އެ ރަށު ސްކޫލުގައި ކިޔަވަމުންދާ 186 ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން ސްކޫލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރައްކާތެރި ބޯފެން ފަސޭހަކާމާއެކީ ލިބޭނެ ކަމަށެވެ.

އަދި އުންމީދަކީ މި ޕްރޮޖެކްޓްގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިވެގެން ދިޔުން ކަމަށް ވެސް މުސްތަފާ ވިދާޅުވެއެވެ.

ބީއެމްއެލުން ބުނީ، މި ޕްރޮޖެކްޓްގެ ދަށުން “ދަ ރިވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނަރޭޝަން” ގެ ފަރާތުންވެސް ވަނީ ކޮންމެ ދަރިވަރަކަށާއި މުވައްޒަފަކަށް ރިޔޫސަބަލް ފުޅިއެއް ހަދިޔާކޮށް ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ތިމާވެއްޓާއި ރައްޓެހި ގޮތް ހިޔާރުކުރުމަށްޓަކައި އެއްބާރުލުން ދީފަ ކަމަށެވެ.

މި ޕްރޮޖެކްޓަކީ ދެމެހެއްޓެނެވި ކާމިޔާބު ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިޔަށް ދިއުމަށް މަގުފަހި ކުރުމަށްޓަކައި އެ ޖަމިއްޔާގެ ފަރާތުން ބެހެއްޓިފައިވާ ޕްލާންޓާއި ފިލްޓަރ އަދި ޑިސްޕެންސަރުތަކަށް ބޭނުންވާނެ މެއިންޓެނަންސް މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރި ފަންޑެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.