ބޭންކް އޮފް މޯލްޑިވްސް އިން އާ ސީއީއޯ އެއް އައްޔަންކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް ބައިނަލްއަގުވާމީ ތަޖުރިބާކާރެއް ކަމަށްވާ ކާލް ސްޓުމްކަ އައްޔަންކުރުމަށް ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ ކާލްއަކީ މެދުއިރުމައްޗާއި، އެފްރިކާގެ އިތުރުން އިންޑިއާ ކަނޑުގެ ގައުމުތަކާއި އިނގިރޭސިވިލާތުގެ ރީޓެއިލް އަދި ކޯޕަރޭޓް ބޭންކުތަކުގައި އެގްޒެކްޓިވް އަދި ބޯޑުލެވަލްގައި 36 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެއް ކަމަށެވެ.

އޭނާ ބޭންކް އޮފް މޯލްޑިވްސް އާ ގުޅިވަޑައިގަންނަވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އަލް އަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމުގައި ހުންނެވުމަށްފަހު އެވެ.

2010 ވަނަ އަހަރު އަލް އަހްލީ ބޭންކް އޮފް ކުވައިތުއާ ގުޅިވަޑައިގެން އެބޭންކުގެ އިންޓަނޭޝަނަލް ބޭންކިންގެ ޖެނެރަލް މެނޭޖަރުގެ ގޮތުގައި އޭނާ ވަނީ ފުޅާދައިރާއެއްގައި ކޯޕަރޭޓް ޕޯޓްފޯލިއޯ ބަލަހައްޓަވާފަ އެވެ.

މި މަގާމުގައި ހުންނެވުމަށްފަހު އެ ބޭންކުގެ ޔޫއޭއީގައި ހިންގަމުންދާ އޮޕަރޭޝަންސްގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ 2017 ވަނަ އަހަރުގަ އެވެ. އަލް އަހްލީ ބޭންކް އޮފް ކުވައިތުއާ ގުޅިވަޑައިގެންނެވުމުގެ ކުރިން ކާރލް ހުންނެވީ ބަޙްރެއިންގައި ހުންނަ ބޭންކް މަސްކަޓް އިންޓަނޭޝަނަލްގެ ރީޖަނަލް ކޯޕަރޭޓް ޑައިރެކްޓަރު މަގާމުގަ އެވެ.

މި މަގާމުގައި އޭނާ ވަނީ އެ ބޭންކުގެ ކޯޕަރޭޓް، ކޮމާޝަލް، އެސްއެމްއީ އަދި އިސްލާމިކް ބޭންކިންގ ހިދުމަތްތައް ބަލަހައްޓަވައިފަ އެވެ. އަދި ކާލްވަނީ ބާކްލޭސް ބޭންކް މޮރިޝަސްގެ ރީޖަނަލް މެނޭޖިން ޑަރިރެކްޓަރު، އިންޑިއަން އޯޝެންސްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

ކާލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލްގެ ހިންގުމާ މި ހަވާލުވީ ވަރަށް އުފަލާއެކު ބޭންކުގެ ބޯޑާއި، އެގްޒެކްޓިވް މެނޭޖްމަންޓުގެ އިތުރުން މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ބޭންކުގެ ސްޓެރެޓެޖީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.

“އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި އެންމެ މުހިންމު އިސްކަމެއްދޭނީ ކަސްޓަމަރުންނަށް. އީޖާދީ ބަދަލާއި އިތުރުފުރިހަމަކަމެއް ބޭންކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ގެނެސް ކަސްޓަމަރުން އުއްމީދުކުރާ ވަރަށް ވުރެ ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަކީ ވެސް އަޅުގަނޑުމެންގެ އަމާޒު. ބީއެމްއެލްއަކީ ވަރަށް ވެސް ކާމިޔާބު ތާރީހެއް އޮތް ބޭންކެއް. އަދި ބޭންކް އޮފް މޯލްޑިވްސް އާއި އެ ބޭންކުން ދިވެހި ރައްޔިތުންނަށް އެހީތެރިވުމަށް އަދާކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވުމަށް އަޅުގަނޑު މިހިރީ ތައްޔާރަށް،” އޭނާ ވިދާޅުވި އެވެ.

ކާލް ވަނީ ބާކްލޭސް ބޭންކް ޓެންޒޭނިއާގެ އެގްޒެކްޓިވް ޑައިރެކްޓަޝިޕްގެ މަގާމު ފުރުއްވާފަ އެވެ. އަދި އެކި އިދާރާތަކުގައި ނޮން އެގްޒެކްޓިވް ޑައިރެކްޓަޝިޕްގެ މަގާމުތައް އަދާކުރައްވާފައިވެ އެވެ. މީގެ ތެރޭގައި މަނީ އޮން ޑިމާންޑް، ބާކްލޭސް ލީސިން އަދި ބާކްލޭސް ބޭންކް ސީޝެލްސް ހިމެނެ އެވެ.

ކާލްއަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް ބޭންކަރސްގެ (ސައުތު އެފްރިކާ) އެސޯސިއޭޓެކެވެ.

އޭނާ ވަނީ ޔުނިވާސިޓީ އޮފް ސައުތު އެފްރިކާއިން އެކައުންޓިން ސައިންސްގެ ރޮނގުން ބެޗެލާސް ޑިގްރީ ހާސިލްކުރައްވާފަ އެވެ. ފްރާންސް، ސްވިޒަލޭންޑް އަދި ސައުތު އެފްރިކާގައި އޭނާ ވަނީ އެގްޒެކްޓިވް ޕްރޮގްރާމްތައް ވެސް ފުރިހަމަކުރައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.