
މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ކިޔަވާ ލޯނު އަދި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް 5 އިންސައްތަ އަށް ދަށްކޮށްފިއެވެ.
ބީއެމްއެލް އިން ބުނިގޮތުގައި މިހާރު ނަގާފައިވާ ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީސް އަށްވެސް މި ރޭޓް ވަނީ ކަނޑައެޅިފަ އެވެ.
އިންޓްރެސްޓް އަދި ފައިނޭންސިން ރޭޓަށް މި ގެނެވުނު ބަދަލާއެކު، މިހާރު ލޯނާއި ފައިނޭންސިން ނަގާފައިވާ ފަރާތްތަކަށް ފައިސާ އަނބުރާ ދައްކައްޖެހޭ މުއްދަތު އޮޓަމެޓިކް އިން ކުޑަވާނެއެވެ. މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުމަށް ބޭނުންވާ ކަސްޓަމަރުން އަމަލުކުރަންޖެހޭ ގޮތާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގ ނަގާފައިވާ ކަސްޓަމަރުންނާ ހިއްސާކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ކިޔަވާ ލޯނަށް ގެނެވުނު ބަދަލާއެކު ދުނިޔޭގެ ކޮންމެ ތަނަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށްވެސް ފަސޭހައިން ފަންޑިންގ ހޯދުމުގެ ފުރުސަތު ފަހިކޮށްދެވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގ މެދުވެރިކޮށް ދަރިވަރުންނަށް ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތައް ހިމެނޭހެން ކިޔެވުމުގެ ހަރަދުތަކުގެ %75 އާހަމަޔަށް ފައިނޭންސް ލިބޭނެއެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރު ގެ މުއްދަތެއް ލިބޭނެއެވެ.