
އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓީމެއް އިއްޔެ ބ އަދި ރ އަތޮޅަށް އަތުވެއްޖެ އެވެ.
ޖޭޕީ އިން ބުނި ގޮތުގައި މިއީ ޕާޓީ އަށް މެމްބަރުން އިތުރުކުރުމާއި ޖަގަހަ ހަރަކާތްތަކާއި ދޮރުންދޮރުން ހިނގުން ފަދަ ކަންކަން ކުރިއަށް ގެންދިއުމުގެ ގޮތުން ކުރާ ކެމްޕޭން ދަތުރެކެވެ.
މި ދަތުރުގައި ރަށްރަށުގެ ކެމްޕެއިން ފޯކަލް ޕޮއިންޓުންނާއި ރަށްރަށުގެ ކެމްޕެއިން ޓީމްތަކާއި މަޝްވަރާކޮށް އަތޮޅުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށްދާގޮތާއި މެދު މަޝްވަރާކޮށް ރަށްރަށުގެ ސިޔާސީ މަސްރަހު ދެނެގަތުމާއި، ރައްޔިތުންގެ ޝަކުވާތައް ދެނެގަތުމަށް ރަށްރަށުގެ ޓީމްތަކާއިއެކު މަޝްވަރާވެސް ކުރާނެ ކަމަށް ވެސް ޖޭޕީން ބުންޏެވެ.
މީގެ އިތުރުން ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމަށް ތާއިދު ހޯދުމުގެ ހަރަކާތްތައްވެސް ރަށްރަށުގައި ކުރިއަށް ގެންދާނެއެވެ.
މި ދަތުރުގައި ޑެޕިއުޓީ ލީޑަރު އަދި އުތުރު ކެމްޕެއިން މެނޭޖަރު އަމީން އިބްރާހިމާއި ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ތަރުޖަމާން އަބްދުﷲ އަމީނާއި ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު ޢަބްދުﷲ ނަވާޒާއި ޖޭޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ހުސެން އާއި ޕާޓީގެ ޒުވާނުންގެ ލީގްގެ ނައިބް ރައީސް ޝުއައިބް ޝިފާޒް ޝަރީފްގެ އިތުރުން ގޮއިދޫ ދާއިރާގެ ރައީސް އާދަމް ޝާފިއު ބައިވެރިވެވަޑައިގަންނަވަ އެވެ.
ޖޭޕީ އަކީ ރާއްޖޭގައި ތިން ވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. އެ ޕާޓީން ބުނާ ގޮތުގައި މިފަހަރު ޖޭޕީ މިއިންތިހާބު ކާމިޔާބު ކުރާނީ އެއްބުރުންނެވެ.
ޖޭޕީން މިހާރު ވެސް ދަނީ ހއ. އއ. ރ އަތޮޅުގެ ބައެއް ދާއިރާތަކުގައި ޖޭޕީގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.