
ބ. ތުޅާދޫގައި ސަރުކާރުން އިމާރާތްކުރާ ހޮސްޕިޓަލްގެ ބިންގާ އަޅައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނާއި ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާހީމް އާދިލެވެ.
ތުޅާދޫގައި ޤާޢިމް ކުރާ 30 އެނދުގެ މި ހޮސްޕިޓަލުގެ ބިންގާ އެޅުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ، ރައީސް އިބްރާޙިމް މުހައްމަދު ސާލިޙްގެ ސިޔާސަތާއި އެއްގޮތަށް، ކުދިރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ސިއްޙީ ދައިރާ ތަރައްޤީ ކުރަމުންދާ ކަމަށެވެ. އެގޮތުން މިފަދަ 30 އެނދުގެ 13 ހޮސްޕިޓަލެއްގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ކަން ފާހަގަ ކުރެއްވިއެވެ.
ބ. ތުޅާދޫ ހޮސްޕިޓަލް ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފި
— MTCC Plc (@MTCCPlc) July 24, 2023
ޕްރެސް ރިލީޒް: https://t.co/cx4u5D0xjq pic.twitter.com/dCW8JyC85I
މީގެ އިތުރުން މިމަސައްކަތް ނިމެންދެންވެސް ރައްޔިތުންނަށް ބޭނުންވެފައިވާ ޙިދުމަތްތައް ފަހިކޮށްދިނުމަށް މިނިސްޓްރީން މެދު ނުކެނޑި މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.
ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ތުޅާދޫގެ ގޮނޑުދޮށް ހިމާުޔަތް ކުރުން ނިންމި ގޮތަށް މިމަސައްކަތްވެސް ނިންމާ ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ޖުމްލަ 18 މަސް ދުވަހުގެ ތެރޭ މަސައްކަތް ނިންމާ ހަވާލު ކުރައްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
މިމަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 114.5 މިލިއަން ރުފިޔާއަށެވެ. އެގޮތުން މި ހޮސްޕިޓަލާއިއެކު އެކޮމޮޑޭޝަން ބްލޮކެއް ތަރައްޤީ ކުރާއިރު، 30 އެނދު ހިމެނޭހެން ހޮސްޕިޓަލް ތަރައްޤީ ކުރާނީ 2 ފަންގި ފިލާއަށެވެ. އަދި ހޮސްޕިޓަލުގެ ބޭނުން ތުޅާދޫ ކައިރީ އޮތް ހިތާދޫ، ފެހެންދޫ އަދި ގޮއިދޫ ރައްޔިތުންނަށްވެސް ލިބިގެން ދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.