މާޅޮހާއި އޭދަފުށީ ބަނދަރުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: އެމްޓީސީސީ

ބ. އޭދަފުށީގައި ތަރައްގީކުރާ އާ ބަނދަރާއި މާޅޮސް ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އޭދަފުށީގައި އާ ބަނދަރެއް ތަރައްގީކުރާން މިދިޔަ ޖޫން މަހު އެމްޓީސީސީ އާ ހަވާލުކުރިއިރު، ވަރަށް ބޮޑަށް ހަލާކުވެފައިވާ މިއަތޮޅު މާޅޮހުގެ ބަނދަރު މަރާމާތުކުރަން އެ ކުންފުންޏާ ހަވާލުކުރީ މިއަހަރުގެ މާޗުމަހުގެ ތެރޭގަ އެވެ.

ބ. އަތޮޅުގައި އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުތަކުގެ މަސައްކަތް ބައްލަވައިލެއްވުމަށް ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އޭދަފުއްޓަށް ވަޑައިގެން އާޒިމް ވިދާޅުވީ، އާ ބަނދަރަކީ މިހާރު އޮތް ބަނދަރާއި ވަކިން ހަދަންޖެހޭ ބަނދަރަކަށް ވާތީ އީއައިއޭ މަރުހަލާގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި މި ދަތުރުގެ ތެރެއިން އެ ބަނދަރުގެ ކޮންސެޕްޓް ފައިނަލްކޮށް މަސައްކަތް އަވަސް ކުރުމަށް ކައުންސިލާއި މަޝްވަރާކޮށްފައިވާ ކަމަށާއި ވީ އެންމެ އަވަހަކަށް ބަނދަރުގެ މަސައްކަތް ފައްޓަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭދަފުށީ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ރަށުގެ ހުޅަނގު ފަޅީގައި 303 މީޓަރުގެ ވާޓަރު ބަނދަރާއިއެކު 371 މީޓަރު ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 18 މީޓަރު ކޮންކުރީޓު ބްރިޖާއި، 119 މީޓަރުގެ ބޮޑުހިލަ ބޭރުތޮއްޓެއް ހެދުން ހިމެނެއެވެ. އަދި 63 މީޓަރުގެ ނެރުފައިކަށި ޖެހުމާއި، 5490 އަކަމީޓަރުގެ ސަރަހައްދެއް ހިއްކުމާއި، ވާޓަރުގައި ރޭމްޕެއް ހިމެނުމާއި، ވާޓަރާއި އިންވެގެން ޕޭވްމަންޓާއި، ބަނދަރު ބައްތި އަދި ނެރުބައްތި ގާއިމް ކުރުން ހިމެނެއެވެ.

މި މަޝްރޫއަކީ 64.67 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އާޒިމް ވިދާޅުވީ މާޅޮހި ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ފެށޫމުގެ ކުރިން ހަދަންޖެހޭ އީއައިއޭގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެ މަސައްކަތް އޯގަސްޓު މަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.

”އާންމު އުސޫލެއްގެ ގޮތުން އީއައިއޭގެ މަސައްކަތް ނިމޭތާ ދެ ހަފުތާއެއް ތެރޭ އަޅުގަނޑުމެން އަމަލީ މަސައްކަތް ފަށަން. އެހެން ނަމަވެސް މި ޕްރޮޖެކްޓު މިތަން އޮތް ހާލަތު ފެނިފަ މާ އަވަސްކުރަން ޖެހޭ ކަންނޭނގެ މި މަސައްކަތް ކުރުމުގަ. އިރާދަކުރެއްވިއްޔާ ބަނދަރުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭ ނިންމަން އަޅުގަނޑުމެން ޓާގެޓް ކުރާނަން،“ އާޒިމް ވިދާޅުވިއެވެ.

މާޅޮހު ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން 700 ފޫޓްގެ ދިގު ބަނދަރެއް ތަރައްޤީކުރާނެއެވެ. އަދި ބަނދަރު ހިމެނޭ ސަރަހައްދުގައި ޕޭވްމަންޓް ހަދައި، ނެރުބައްތިއާއި ބަނދަރު ބައްތި ޖަހާ ބޭރު ތޮއްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތައް 69.47 މިލިއަން ރުފިޔާއަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.