ބ. ކެންދޫގައި މިސްކިތެއް އަޅަން 15 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފި އެވެ.
އާބާދީ 1300 އަށްވުރެ ބޮޑު ކެންދޫގައި މިސްކިތް އަޅަން ހަވާލުކުރީ ފާސްޓްލައިން ޕްރައިވެޓް ލިމިޓެޑާއެވެ.
އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ.އަހްމަދު ޒާހިރު އަލީ އެވެ.
މި މަޝްރޫއު ފާސްޓްލައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
މިސްކިތް އިމާރަތް ކުރުމަށް ހަމަޖެހިފައިވަނީ ފިރިހެނުންނާއި އަންހެނުންނަށް ވެސް ނަމާދު ކުރެވޭ ގޮތަށް 500 މީހުންގެ ޖާގަ ހިމެނޭ ގޮތަށެވެ.
މި މަޝްރޫއު ހިންގަނީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ.