ކަނޑުގެ ދިރުންތަކަށް ބ. އަތޮޅުގެ ދަރިވަރުން ހޭލުންތެރިކޮށްފި

މެރިން ޑިސްކަވަރީ ސެންޓަރުން ކުރިއަށް ގެންދިޔަ އިންފޮމޭޝަން ސެޝަންގެ ތެރެއިން — ފޮޓޯ/ބ. އަތޮޅު ކައުންސިލް

ކަނޑުގެ ދިރުންތަކަށް ބ. އަތޮޅު ސްކޫލުތަކުގެ ދަރިވަރުން ހޭލުންތެރިކުރުވުމުގެ ގޮތުން މި އަތޮޅު ކައުންސިލާއި ފޯ ޒީސަންސް ލަނޑާ ގިރާވަރުގެ މެރިން ޑިސްކަވަރީ ސެންޓަރު ގުޅިގެން ހާއްސަ ޕްރޮގްރާމެއް ހިންގައިފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީ ކޮޅު ހިންގި މި ޕްރޮގްރާމުގައި މެރިން ޑިސްކަވަރީ ސެކްޓަރުން ވަނީ މިއަތޮޅުގެ ހުރިހާ ސްކޫލަކަށް ގޮސް، މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވައިފަ އެވެ.

މި ޕްރޮގްރާމުގެ ދަށުން މި އަތޮޅުގެ 13 ރަށުގެ ސްކޫލްތަކަށް މެރިން ޑިސްކަވަރީ ސެންޓަރުން ދިޔަ އެވެ. މި ޕްރޮގްރާމު ހިންގީ، އެ ސެންޓަރުންގެ ވެޓެރިނޭރިއަން ޑރ. ކެޓްރީނާ ހިމްޕްސަން އާއި އެޑްވާޑް ހޮޖަސް އެވެ.

މެރިން ޑިސްކަވަރީ ސެކްޓަރުން ބުނި ގޮތުގައި މި ޕްރޮގްރާމުގެ ބޭނުމަކީ، ކަނޑުގެ ދިރުންތަކަށް ކުދިން ހޭލުންތެރިކުރުމެވެ. ހާއްސަކޮށް، އެ ސެންޓަރުން ބަލަހައްޓާ ވެލާތަކާ ގުޅޭ ގޮތުން ކިޔަވާ ކުދިންނަށް މައުލޫމާތު ދިނުމަށް މި ޕްރޮގްރާމުގައި އިސްކަން ދީފައިވެ އެވެ. އޭގެ ތެރެއިން ވެސް، މިދިޔަ އޭޕްރީލް މަހު ވަރަށް ބޮޑަށް ދަލެއްގައި ޖެހި އަނިޔާވެފައިވާ އޮއްވައި ފެނުނު “ނޫނު” ވެލާގެ ރިކަވަރީއާ ގުޅޭ ގޮތުން މައުލޫމާތުދީފައިވެ އެވެ.

މެރިން ޑިސްކަވަރީ ސެންޓަރުން ކުރިއަށް ގެންދިޔަ އިންފޮމޭޝަން ސެޝަންގެ ތެރެއިން — ފޮޓޯ/ބ. އަތޮޅު ކައުންސިލް

މެރިން ޑިސްކަވަރީ ސެކްޓަރުން ބުނި ގޮތުގައި މި ވެލާ އަލުން އޭގެ ވެއްޓަށް ފޮނުވާލުމަށް މި މަހު ތައްޔާރުވަމުން އަންނަ އިރު، ލަނޑާ ގިރާވަރުގެ މެރިން ޑިސްކަވަރީ ސެންޓަރުން އެ ވެލާގައި ޓްރެކިން ޑިވައިސްއެއް ހަރުކޮށް، އެ ވެލާ ދަތުރުކުރާ ގޮތް ބަލާނެ އެވެ.
ކޮންމެ ސްކޫލެއްގެ ގްރޭޑް 9 އެއްގެ ކުދިންނަށް ހުޅުވާލި މި ފުރުސަތުގައި ވެލާ ދަތުރު ކުރާނެ އޭރިއާއެއް އެކުދިން ލިޔެ، ޑިސްކަވަރީ ސެންޓަރަށް ފޮނުވާނެ އެވެ. އަދި އެގޮތަށް ވެލާ ދަތުރު ކުރާ ސަރަހައްދެއް ދިމާ ކުރާ ސްކޫލެއްގެ ކުދިންނަށް ހާއްސަ އިނާމެއް ފޯސީޒަންސް ލަނޑާ ގިރާވަރުން ލިބޭނެ އެވެ.

ލަނޑާ ގިރާވަރުގެ މެރިން ޑިސްކަވަރީ ސެންޓަރުގެ މެނޭޖަރު ޑރ. ކެޓްރީނާ ހިމްޕްސަން މިހާރު ނޫހަށް ވިދާޅުވީ މި އަތޮޅުގެ ސްކޫލްތަކަށް ކުރި މި ދަތުރުގައި ކިޔަވާ ކުދިން ކަނޑުގެ ދިރުންތަކުގެ މައުލޫމާތު އެނގެން ބޭނުންވެފައިވާ މިންވަރު އެނގުނު ކަމަށެވެ. އަދި ލަނޑާ ގިރާވަރުން ބޭނުންވަނީ، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ޕްރޮގްރާމުތައް ހިންގައި، ރާއްޖޭގެ ކަނޑުގެ ދިރުންތަކަށް އަހުލުވެރިވެފައިވާ ޒުވާން ޖީލެއް އުފެއްދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.