ބ. އަތޮޅުގައި އެންމަޑި އެއްވާ އިތުރު ދެ ސަރަހައްދެއް ހިމާޔަތްކޮށްފި

ބ. އަތޮޅުގައި އެންމަޑި އެއްވެ، އާލާވާ އިތުރު ދެ ސަރަހައްދެއް ހިމާޔަތްކޮށްފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައި ވަނީ ބ. ނެލިވަރު އަދި ބ. ހުރާފަރު ކަމަށެވެ. 

މި ދެ ސަރަހައްދަކީ އެންމަޑި ކާނާ ހޯދުމަށާއި، ވިހާ އާލާވުމަށް މުހިންމު ސަރަހައްދެކެވެ. މިނިސްޓްރީން ބުނެފައި ވަނީ ބ. އަތޮޅަކީ ދުނިޔޭގެ ފެންވަރުގައި އެންމަޑީގެ ބޮޑު އާބާދީއެއް އުޅޭ ސަރަހައްދެއް ކަމަށްވުމުން، އެންމަޑީގެ މިފަދަ މާހައުލުތައް ހިމާޔަތް ކުރުން ވަރަށް މުހިންމު ކަމަށެވެ.

ނެލިވަރު ސަރަހައްދުން ހިމާޔަތްކޮށްފައި ވަނީ 665 ހެކްޓަރުގެ ސަރަހައްދެކެވެ. އަދި ހުރާފަރުން ހިމާޔަތްކޮށްފައި ވަނީ 639 ހެކްޓަރުގެ ސަރަހައްދެކެވެ.

މި ސަރަހައްދަށް ކުނި އެޅުމާއި ބިން ހިއްކުމާއި ފަޅު ފުންކުރުން ފަދަ ކަންކަން ކުރުމަކީ މަނާ ކަމެކެވެ. އަދި ނަގިލި ލުމާއި، ގަލާއި ވެލި އަދި މުރަކަ ނެގުމާއި، އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރުން ވެސް މަނަލެވެ.

ރޭގަނޑު އަލިވާ ގޮތަށް މި ސަރަހައްދު ދިއްލުމާއި، އެއްބާވަތެއްގެ ދިރުމެއް ތައާރަފް ކުރުމަކީ ވެސް މަނާ ކަމެކެވެ.

ނެލިވަރު

ބ. ނެލިވަރުގެ ހިމާޔަތްކުރި ސަރަހައްދު

 ބ. ކުންފުނަދޫގެ އިރު އުތުރަށް އޮންނަ އެންމަޑި އެއްވާ މި ސަރަހައްދުން 2020 ވަނަ އަހަރުގެ ނިޔަލަށް 105 އެންމަޑި 119 ފަހަރު ފެނިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެ އެވެ. މި ތިލައިގައި އެންމަޑި ސާފުކުރުމަށް ބޭނުންކުރާ ކްލީނިން ސްޓޭޝަނެއް ހުރެ އެވެ. މި ސަރަހައްދުގައި އޮންނަ ނެލިފަރު ފިނޮޅަކީ އައިންމަތީ ދޫނީގެ މުހިންމު މާހައުލެކެވެ. މި ސަރަހައްދުގެ އޮއިވަރު ދެމެހެއްޓުމަށް މި ފިނޮޅަށް ބަދަލެއް ނުގެނެސް ހިމާޔަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.

ހުރާފަރު

ހިމާޔަތް ކުރަން ނިންމި ހުރާފަރު ސަރަހައްދު

މި ސަރަހައްދުގައި މި އަތޮޅުގައި ހިމާޔަތްކޮށްފައިވާ ހަނިފަރު ސަރަަހައްދުގެ އުތުރަށް އޮންނަ ހަމަ އެ ސަރަހައްދުގެ ސިފަތައް ލިބިގެންވާ ސަރަހައްދެކެވެ. މިނިސްޓްރީން ބުނާ ގޮތުގައި 2020 ވަނަ އަހަރުގެ ނިޔަލަށް މި ސަރަހައްދުން 436 އެންމަޑި 1239 ފަހަރު ފެނިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވެ އެވެ. މި ސަރަހައްދުގައި އޮންނަ ހުރާފަރު ފިނޮޅަކީ އައިންމަތީ ދޫނީގެ މުހިންމު މާހައުލެކެވެ.

ބ. އަތޮޅުގެ އެހެން ދެ ސަރަހައްދެއް ވެސް މި މަހުގެ ދެވަނ ދުވަހު ހިމާޔަތްކޮށްފައި ވެއެވެ.  އެއީ ދަރަވަންދޫގެ ހުޅަނގު ފަރާތުގައި އޮންނަ ދަރަވަންދޫ ތިލަ އާއި ބ. އިންނަފުށި ސަރަހައްދެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.