ވަޒީރުންނަށް ރުހުން ވެސް ހޯދާނަން، ސަރުކާރު ވެސް ވައްޓައެއް ނުލެވޭނެ: ސަލީމް

ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ހޯދާނެ ކަމަށާއި އެމަނިކުފާނުގެ ސަރުކާރު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވައްޓާ ނުލެވޭނެ  ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ސަރުކާރު ހުރަސް އަޅާ ކަމަށް ބުނެ މިއަދު އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަކަށް ބަހުސް ކުރައްވަމުން ސަލީމް މިސަރުކާރާ ކުޅުމަކީ ކުޅަދާނަ ކަމެއް ނޫން ކަމަށާއި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމުގެ ރޭވުންތައް ހަމަހިލާ ކާމިޔާބުވިޔަ ނުދޭނެ ކަމަށެވެ.

ސަލީމް ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީން ކެބިނެޓަށް ރުހުން ނުދީ އޮތީ އަސްލަމް ވެސް ފަހަތުގައި ހުންނަވައިގެން ރާވާއިގެން ގަސްތުގަ އެވެ. އެހެންވެ އަސްލަމް ވެސް ރިޔާސަތުން ފައިބަން ޖެހޭނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، އެމްޑީޕީން ކޮންމެ ދުވަހަކު ކުއްލި މައްސަލައެއް ހުށަހެޅުމުގެ ބަދަލުގައި ކުރަންވީ ކަމަކީ ވަޒީރުންނަށް ރުހުންދިނުން ކަމަށެވެ.

“ވަޒީރުންނަށް ރުހުންނުދީ ދައުލަތް ވައްޓައިލަން ސަރުކާރު ވައްޓައިލަން މަސައްކަތްކޮށް، މިއީތޯ ޑިމޮކްރަސީއަކީ؟ މިއީތޯ އަޅުގަނޑުމެންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ،” އޭނާ ވިދާޅުވިއެވެ.

“ހަމަ ކަނޑައެޅިގެން ރާވައިގެން އިއްޒަތްތެރި ރައީސް ވެސް ހުންނަވައިގެން ރުހުންދިނުމުގެ މައްސަލަ މިހާ ހިސާބަށް، މަޖިލިސް ޗުއްޓީއާ ހަމައަށް ގެނައީ ހަމަ ސީދާ ރާވައިގެން ރުހުންނުދޭ ގޮތަށް. ޚުދުމުޚުތާރު މިވީ ކޮންބައެއްތޯ؟”

ސަލީމް ވިދާޅުވީ، ގެއްލުނު އެއްޗެއްގެ ބޮޑުކަމުން ވަޒީރުންނަށް ރުހުންނުދީ، ސަރުކާރު ވައްޓައިލަން އުޅުމަކީ ހުތުރު ކަމެއް ކަމަށެވެ.

“[ވަޒީރުންނަށް] ރުހުން ވެސް ހޯދާނަން، ސަރުކާރު ވެސް ވައްޓައެއް ނުލެވޭނެ. އެކަމަށް ފުރުސަތެއް ނުދެވޭނެ. އަޅުގަނޑުމެން މިތިބީ އެކަމުގައި ހިފައިގެން، ސަލާމަތުން ތިއްބާ ނުޅަދާނައެއް ނޫން މި ސަރުކާރާ ކުޅެލާކަށް. މި ސަރުކާރު ފަސް އަހަރަށް ދެމި އޮންނާނެ،” ސަލީމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.