ތެލަސީމިއާ އަށް ހޭލުންތެރި ކުރަން ގައުމީ ކެމްޕޭނެއް

ތެލްސީމިއާއަށް ރައްޔިތުން ހޭލުންތެރިކުރުމަށް ގައުމީ ފެންވަރުގައި މިއަދު ކެމްޕޭނެއް ފަށައިފި އެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން މި ކެމްޕޭން ލޯންޗް ކޮށްދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ކުރިއަށް ގެންދާ މި ކެމްޕެއިނަކީ ތެލެސީމިއާ އާއި ގުޅިގެން ލޭއަޅާކުދިން އުފަންވާ ނިސްބަތް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 50 އިންސައްތައަށް ދަށް ކުރުމުގެ މަގުސަދުގައި ހިންގާ ކެމްޕޭނެކެވެ.

މީގެ އިތުރުން ޤައުމީ ފެންވަރުގައާއި ފަރުދީ ފެންވަރުގައި ގިނަ ބަޔަކަށް ތެލަސީމިއާ ބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކުރުމާއި، މި ނިޒާމުގެ ދަށުން ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކަށް ތެލެސީމިއާ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ސާނަވީ ތައުލީމު ނިންމާ ހުރިހާ ދަރިވަރުން ތެލެސީމިއާ ޓެސްޓްކުރުމަކީ ވެސް މިފަދަ ކެމްޕޭނެއް ކުރިއަށް ގެންދިޔުމުގެ މަގުސަދެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ކެމްޕޭނުގެ ތެރެއިން ގައުމީ އަދި ފަރުދީ ފެންވަރުގައި ގިނަ ބަޔަކު ހޭލުންތެރި ކުރުވުމަށް ތެލެސީމިއާ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމު ކުރުން ހިމެނެ އެވެ. އަދި މި ނިޒާމުގެ ތެރެއިން ސާނަވީ ތައުލީމު ނިންމާ ހުރިހާ ދަރިވަރުން ތެލެސީމިއާއަށް ޓެސްޓްކުރުންވެސް ހިމެނެ އެވެ.

މީގެ އިތުރުން ސުކޫލުތަކުގައި ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިން ތެލެސީމިއާއަށް ހޭލުންތެރި ކުރުމާއި ދަރިވަރުން ތެލެސީމިއާ އަށް ޓެސްޓްކުރުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައި އެ ކުދިން ތެލެސީމިއާ ޓެސްޓު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު ރާއްޖޭގައި ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދަމުންދާ 650 ކުދިން އެބަ ތިއްބެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.