އޭދަފުއްޓަށް ތަރުހީބުދޭން ދަނޑަށް ދާން ކައުންސިލުން އިލްތިމާސްކޮށްފި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ކުއާޓާ ފައިނަލުގައި މިރޭ ތ. ތިމަރަފުއްޓާ ދެކޮޅަށް ނުކުންނަ އޭދަފުށީ ފުޓްސަލް ޓީމަށް ތަރުހީބުދޭން ރަށު ރައްޔިތުން ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑަށް ދާން އޭދަފުށީ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

މިރޭ ކުއާޓާ ފައިނަލުގައި ތިމަރަފުއްޓާ ދެކޮޅަށް އޭދަފުށި ނުކުންނައިރު ތިމަރަފުއްޓަކީ މުބާރާތުގެ އެންމެ މޮޅު އެއް ޓީމެވެ. ތިމަރަފުށި ކައިރިން މޮޅު ހޯދުމުގައި މިރޭ ސަޕޯޓަރުންގެ ދައުރު މުހިއްމު ވާނެކަމަށް ކައުންސިލުން ގަބޫލުކުރެ އެވެ. އެހެންވެ މާލޭގައި ދިރިއުޅޭ އޭދަފުށީ ރައްޔިތުން މިރޭ ދަނޑަށް ގޮސް ހުއްޓުމެއް
ނެތި ރަށު ޓީމަށް ސަޕޯޓް ކުރުމަކީ ކައުންސިލްގެ އެދުމެކެވެ.

“އީޓީ” ވާހަކަދައްކަވަމުން އޭދަފުށި ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވީ މުޅި އޭދަފުށި އޮތީ ޓީމާ އެކު ކަމަށާއި ޓީމުން ރަނގަޅު ނަތީޖާއެއް ހޯދައިދޭނެކަމުގެ ބޮޑު އުއްމީދެއް އެބައޮތް ކަމަށެވެ.

“އޭދަފުށި ރައްޔިތުން މިތިބީ ފުޓްސަލް ޓީމާ އެކު. ކައުންސިލަކީ މުޅި ރައްޔިތުން. އަޅުގަނޑުމެން މިތިބީ ރަނގަޅު ނަތީޖާއަކަށް އުއްމީދުކޮށްގެން” މުޅި ރަށް ކުއާޓާ ފައިނަލަށް ހުސްވެ، މެޗަށް އިންތިޒާރުކުރަމުންދާކަން ހާމަކުރަމުން ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭދަފުށި ކުއާޓާ ފައިނަލަށް ދަތުރުކުރީ ގަދަ 16 ގެ މެޗުގައި މާފަންނާ 3-3 އިން އެއްވަރުވެ ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. އޭގެކުރިން އޭދަފުށިން ވަނީ އަތޮޅު ޗެމްޕިއަންކަން ހޯދައި ޒޯން ރަނަރަޕްކަން ހޯދައިފަ އެވެ.

“ދުއާއަކީ ޓީމު މޮޅުވެގެން އައުން. މާލޭގައި ތިބި ސަޕޯޓަރުންނަށް އަޅުގަނޑުމެން ދަންނަވާނީ ދަނޑަށް ގޮސް ހުއްޓުމެއް ނެތި ސަޕޯޓް ކޮށްދޭށޭ. ރަށުގައި ތިބީ ސަޕޯޓަރުން ދުރުގައި ތިއްބަސް ތިބޭނީ ޓީމާ އެކު. މިއަދު އެންމެންވެގެން ޓީމަށް ތަރުހީބުދޭންވީ” އޭދަފުށީ ސަޕޯޓަރުންނަށް އިލްތިމާސްކުރަމުން ފާތިހު ވިދާޅުވި އެވެ.

އޭދަފުށި ވަނީ މުބާރާތުގެ ތާރީހުގައި 2019 ވަނަ އަހަރު ތިމަރަފުއްޓާ ދެކޮޅަށް ފައިނަލުގައި ނުކުމެ ބަލިވެފަ އެވެ. އެ މެޗުން އޭދަފުށި ބަލިވީ 2-5 އިންނެވެ.

އޭދަފުއްޓާއި ދެކޮޅަށް ނުކުންނަ ތިމަރަފުއްޓަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެރަށުން ވަނީ 2016، 2019 އަދި 2022 ވަނަ އަހަރު ގޯލްޑަން ފުޓްސަލް ކާމިޔާބުކޮށްފަ އެވެ. މިއަހަރު ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނައިރު

ތިމަރަފުށިން ވަނީ އޭދަފުއްޓެކޭ އެއްގޮތަށް މިއަހަރުގެ އަތޮޅު ޗެމްޕިއަންކަމާއި ޒޯން ރަނަރަޕްކަން ހޯދާފަ އެވެ.

ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ތިމަރަފުއްޓާއި އޭދަފުށި ވާދަކުރާ މެޗު ފަށާނީ މިރޭ 9:30 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.