ވަރުގަދަ ތިމަރަފުށި ބަލިކޮށް އޭދަފުށި ސެމީ ފައިނަލަށް

ތ. ތިމަރަފުއްޓާއި ބ. އޭދަފުށި ބައްދަލުކުރި މެޗަށްފަހު އޭދަފުށި ޓީމުން އުފާފާޅުކުރަނީ – ފޮޓޮ: އަދަދު

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ އެންމެ ވަރުގަދަ އެއް ބާރު ކަމުގައިވާ ތ. ތިމަރަފުށި ކަޓުވާލުމަށްފަހު ބ. އޭދަފުށިން ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 3-3 ގެ ސްކޯއަކުން އަކުން ދެ ޓީމު އެއްވަރު ވެފައިވާތީ މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ކުއާޓާ ފައިނަލް މެޗު އޭދަފުށިން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. 

މެޗުގެ ފަސްވަނަ މިނެޓުގައި އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު) ތަނަވަސްކޮށްދިން ފުރުސަތަކުން މުހައްމަދު ފާސިރު (ފާއްޓެ) ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދަދީފަ އެވެ. އޭގެ ތިން މިނެޓު ފަހުން ކައުންޓާ އެޓޭކެއްގައި ފާއްޓެ ވަނީ އިތުރު ލަނޑެއް ޖަހައި، އޭދަފުއްޓަށް ފަރަގު ބޮޑުކޮށްދީފަ އެވެ. ތިމަރަފުށިން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލަނޑެއް ޖަހައި، މެޗުތެރެއަށް އަނެއްކާވެސް ވަދެފަ އެވެ. އެ ލަނޑު ތިމަރަފުއްޓަށް ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު އަފްލާޒެވެ.

ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓުގެ ތެރޭގައި އޭދަފުށީގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ވަނީ ލަނޑެއް ޖަހައި އަނެއްކާވެސް ދެ ލަނޑުގެ ފަރަގެއް ހޯދަދީފަ އެވެ. ނަމަވެސް، ދެވަނަ ހާފުގެ އަށްވަނަ މިނެޓުގައި ތިމަރަފުށީގެ އިސްމާއީލް މުނީޒު ވަނީ ލަނޑެއް ޖަހައި އުއްމީދު އައުކޮށްފަ އެވެ. މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ލިބުނު ހިލޭ ޖެހުމެއް ކާމިޔާބުކޮށް ތިމަރަފުއްޓަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އިބްރާހީމް ސިނާހެވެ.

ޕެނަލްޓީގައި އޭދަފުށިން ވަނީ ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ޕެނަލްޓީ ކާމިޔާބު ނުކުރެވުނީ އޭދަފުއްޓަށް ދެ ލަނޑު ޖަހައިދިން ފާއްޓެ އަށެވެ. ތިމަރަފުށީގެ އާދަމް ނާސިހު (އާދަންނަ) އަދި ތޯހިރަށް ޕެނަލްޓީ ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ. މިއާއެކު ތިމަރަފުށި ވަނީ ވިދިވިދިގެން ދެވަނަ ފަހަރަށް ކުއާޓާ ފައިނަލުން ބަލިވެފަ އެވެ.

ސެމީ ފައިނަލުގައި އޭދަފުށި ބައްދަލުކުރާނީ ކ. ގާފަރާ އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.