ކައުންސިލްތަކަށް ފަޅުރަށް ދޫކުރާ މުއްދަތު 25 އަހަރަށް އިތުރުކުރަނީ

ބ. މާއްޑޫ

ލޯކަލް ކައުންސިލްތަކަށް ރަށުގެ އިހްތިސޯސް ބޭރުން ދޫކުރާ ފަޅު ރަށްތަކުގެ މުއްދަތު 10 އަހަރުން 25 އަހަރަށް އިތުރު ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

 ރ. އަދި ބ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި، ރ. މީދުއަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށު ކައުންސިލްތަކުން އިގްތިސޯދީ މަންފާ ހޯދުމަށްޓަކައި މިހާރަށް ވުރެ މާ ފުޅާ ދާއިރާއެއްގައި ފަޅު ރަށްތައް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެގޮތުން  މިހާރު އާންމުކޮށްފައިވާ އިއުލާންގައި ފަޅު ރަށްތައް ދޫކުރާނީ 10 އަހަރަށް ބުނެފައިވީ ނަމަވެސް، އެ މުއްދަތު 25 އަހަރަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިހާތަނަށް ކައުންސިލްތަކަށް ހުޅުވާލާފައިވަނީ 25 ފަޅުރަށަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ލިސްޓަށް ގިނަ ފަޅުރަށްތަކެއް އިތުރުވެގެން ދާނެ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ކޮންމެ ރަށަކަށް ފަޅު ރަށެއް ލިބޭ މިންވަރަށް ރަށްތަކަށް އެދެން ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިގޮތަށް ރަށްތައް ދޫކުރާއިރު އެ ރަށްތަކަކީ އެހެން ވެސް މިނިސްޓްރީއަކަށް ނޫނީ އަމިއްލަ ބަޔަކަށް ދީފައި އޮތް ރަށެއް ނޫން ކަން ނުވަތަ ގާނޫނީ މައްސަލަގަނޑެއްގެ ތެރޭގައި އޮތް ރަށެއް ނޫން ކަން ސަރުކާރުން ޔަގީން ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

“މިހާރު ގެޒެޓު ކޮށްފައި އޮތް ގަވައިދުގެ ދަށުން 10 އަހަރަށް ލިބޭނީ [ކައުންސިލްތަކަށް ދޫކުރާ] އެ ރަށް. އެހެން ނަމަވެސް، އަޅުގަނޑު މިހާރު އޮންނާނީ ދަންނަވާފައި، ރައީސް އޮފީހުގެ ކަމާ ބެހޭ ލީގަލް ޓީމުން އެކަން އެ ކުރިއަށް ގެންދަނީ. އެ 10 އަހަރު އަޅުގަނޑުމެން 25 އަހަރަށް ބަދަލުކޮށްދޭނަން،” ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން 25 ފަޅުރަށެއް ކައުންސިލްތަކަށް ދޫކުރަން ހުޅުވާލާފައިވަނީ، ‘މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު’ގެ ފަސްވަނަ މާއްދާގެ (ށ)ގެ ތިންވަނަ ނަންބަރުގެ ދަށުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.