ރައީސް އޭދަފުއްޓަށް ވަޑައިގަންނަވާނީ މިރޭ 8:00 ގައި

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރ. އަލިފުށިން މަރުހަބާ ކިޔުން.– ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ރ. އަދި ބ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިރޭ އޭދަފުއްޓަށް ވަޑައިގަންނަވާނެއެވެ.

ރައީސް އޭދަފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މިރޭ 8:00 ގަ އެވެ.

މި ދަތުރުފުޅުގައި ރައީސް, އޭދަފުށީގެ އިތުރުން ތުޅާދު އާއި ދަރަވަންދު އާއި ހިތާދޫ އަދި ކެންދުއަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.

ހުރިހާ އަތޮޅަކަށް ދަތުރު ކުރެއްވުމަށް ރައީސް ފައްޓަވާފައިވާ މި ދަތުރުފުޅުގައި އޭދަފުއްޓަށް ވަޑައިގެން މިރޭ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ އިތުރުން، ރަށު ކައުންސިލްތަކާ އެކު ވެސް ބައްދަލުވުންތައް ބާއްވަ އެވެ. މި ބައްދަލުވުންތަކުގައި، ސަރުކާރުން ރަށްތަކަށް ގެންގުޅުއްވާ ތަރައްގީގެ މަޝްރޫއުތަކާއި ކައުންސިލްގެ ހުށަހެޅުންތަކާ ގުޅޭ ވިސްނެވުން ކައުންސިލްތަކާ ހިއްސާކުރައްވަ އެވެ.

ރައީސް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުތަކުގައި އެމަނިކުފާނު ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ވެސް އަންނަނީ ދެއްވަމުންނެވެ.

ރައީސް މިދިޔަ ރިޔާސީ ކެމްޕެއިންގައި އޭދަފުއްޓަށް ގިނަ ވައުދުތަކެއް ވަޑައިގެންފައި ވެއެވެ.

ކެމްޕެއިންގައި ރައީސް ވިދާޅުވީ އޭދަފުއްޓަކީ އޭނާގެ ވެރިކަމެއްގައި އިސްކަމެއް ދީގެން ތަރައްގީ ކުރާނެ ރަށެއް ކަމަށެވެ.  އެއީ ސަރަހައްދުގެ ގިނަ ރައްޔިތުންނަށްޓަކައި ކޮށްދޭން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

އެގޮތުން އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، މިރަށު ހިއްކި ބިން ތަރައްގީކޮށް، އެންމެ ގިނަ ހައުސިން ޔުނިޓް އަޅާނެ އެއް ރަށަށް މި ރަށަށް ވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ރަށުގެ ހުރިހާ މަގުތަކެއް ހަދައި،  ސްޕޯޓްސް ކޮމްޕްލެކްސް އަކާއި ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއްގެ އިތުރުން  ކޮންވެންޝަން ސެންޓަރެއް ގާއިމުކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި މާންޑޫ އޭދަފުށިގެ އިހްތިސޯސް ތެރޭ ހިމެނުގެ އިތުރުން  އާޓިފިޝަލް ބީޗެއް ހަދައިދެއްވާނެ ކަމަށްވެސް ކެމްޕޭންތެރޭ ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ރައީސް މިރޭ އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވާއިރު އެ ވައުދުތައް މިހާރު އޮތް ހިސާބު ރައްޔިތުންނަށް އޮޅުން ފިލުވައިދެއްވާނެ ކަމަށް ބެލެވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.