ކައުންސިލުން އެދުނީ އޭދަފުށީގެ ހައުސިން މަޝްރޫއު އަވަހަށް ފެށުމަށް

ބ. އޭދަފުއްޓަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މިރަށުގައި ހައުސިން މަޝްރޫއެއް އަވަހަށް ފެށުމަށް ކައުންސިލުން ރައީސް އަރިހުގައި އެދިވަޑައިގެންފި އެވެ.

ރަސްމީ ދަތުރުފުޅެއްގައި ރޭ އޭދަފުއްޓަށް ވަޑައިގެން މިރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މި ސަރުކާރުން އެންމެ އިސްކަމެއް ދެނީ ގެދޮރުވެރިކަން ޔަގީންކޮށްދިނުމަށް ކަމަށާއި އެގޮތުން މާލޭ ސަރަހައްދުން ބޭރުގައި ހިންގަން ނިންމާފައިވާ 40،000 ފްލެޓްގެ ތެރެއިން އިސްކަމެއް، އޭދަފުއްޓަށް ދޭނެ ކަމަށެވެ. އަދި މިހާރު ވެސް އެ މަޝްރޫއުތައް އޭދަފުއްޓަށް ޕްލޭން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭދަފުށީގައި ހައުސިންގެ ބޮޑު މަޝްރޫއެއް ހިންގުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން އެންމެ ގިނަ ހައުސިން ޔުނިޓް އަޅާނެ އެއް ރަށަށް މި ރަށަށް ވާނެ ކަމަށް ރިޔާސީ އިންތިހާބުތެރޭ ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ރައްޔިތުންގެ ބައްދަލުވުމަށްފަހު އޭދަފުށީ ކައުންސިލުގެ މެންބަރުންނާއެކު ރައީސް ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ކައުންސިލުން އެދުނީ އޭދަފުށީގައި ހިންގުމަށް ހަމަޖެހިފައިވާ ހައުސިން މަޝްރޫއު އަވަހަށް ފެށުމަށެވެ.

މީގެ އިތުރުން ބ. އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި ރަށަށް ކަރަންޓް ދިނުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާއި ކައުންސިލުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ބޭނުންވުން ކައުންސިލުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.  

އެ ބައްދަލުވުމުގައި ރައީސް ވަނީ އޭދަފުށީ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ސަމާލުކަންދެއްވައިގެން މަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވެފަ އެވެ.

އަތޮޅުތެރޭގައި ހަތް އާބަން ސެންޓަރެއް ތަރައްގީ ކުރަން ރައީސް ނިންމަވާފައިވާއިރު، އޭދަފުއްޓަކީ އޭގެ ތެރެއިން އެއް ސެންޓަރު ކަން ރައީސް ރޭ މިރަށުގައި ވަނީ އިއުލާން ކުރައްވައިފަ އެވެ. އެހެންކަމުން، ތަރައްގީގައި ވަރަށް ބޮޑު އިސްކަމެއް އޭދަފުއްޓަށް ދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.