އަފްޒަލް އާއި ނާސިހް: އޭދަފުށި މާޔޫސްވިޔަނުދީ ހިފަހައްޓާލި ދެ ފަހުލަވާނުން

މޮޅު ކުޅުންތެރިޔާގެ ޓްރޮފީއާ ދެ ގޯލްކީޕަރުން ހަވާލުވަނީ. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް / އިމޭޖަސް.އެމްވީ

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 އަށް އޭދަފުށި ފުޓްސަލް ޓީމު މިއަހަރު ނުކުތީ ވަރުގަދަ ސްކޮޑަކާ އެކު ސީދާ ތައްޓަށް އަމާޒު ހިފައިގެންނެވެ. ލިބުނު ކުޑަ ދުވަސްކޮޅުތެރޭ “ޔުނައިޓެޑް ވީ” އިން ޓީމު އެކުލަވާލީ ރަށާއި މާލޭގައި ޓްރަޔަލްތައް ބާއްވައި ރާއްޖޭގެ މަޝްހޫރު ކޯޗް އަބްދުﷲ ނަސީރު (އަބޯ) ގެ އިރުޝާދުގެ ދަށުންނެވެ.

ޓީމުގެ ސްކޮޑް އެންމެ ވަރުގަދަވީ އޭދަފުއްޓަށް އުފަން ގައުމީ ފުޓްބޯޅަ ޓީމުގެ ހަތަރު ކުޅުންތެރިން މިފަހަރުގެ ސްކޮޑުގައި ހިމެނުމުންނެވެ. ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު (ހަމްޕު)، ހައިޝަމް ހަސަން (ބިޑި) އަދި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ގެ އިތުރުން، ޔުނައިޓެޑް ވީ އިން މިއަހަރު އެންމެ ބޮޑު ސަމާލުކަމެއް ދިނީ ރަނގަޅު ފެންވަރުގެ ދެ ގޯލްކީޕަރުން ޓީމުގައި ހިމެނުމަށެވެ. ޓީމުގައި ހިމެނީ އަބަދުވެސް އެ މަގާމް ފުރަމުން އަންނަ އިތުބާރު ގޯލްކީޕަރު އަބްދުﷲ ނާސިހު އާއި އޭދަފުށީގައި ވަޒީފާ އަދާކުރަމުން އަންނަ އަފްޒަލް އިބްރާހީމް (އަފޫ) އެވެ.

ގައުމީ ފުޓްސަލް ޓީމަށް ކުޅެފައިވާ ނާސިހު އަކީ މިދިޔަ އަހަރުތަކުގައި އޭދަފުށީގެ ގޯލު ބެލެހެއްޓުމުގައި ހުށިޔާރުކަން ދެއްކި ކީޕަރެކެވެ. އެކަމަކު މިއަހަރުގެ ޓީމުގައި ބަދަލު ގޯލްކީޕަރެއްގެ ގޮތުގައި އަފޫ ހިމަނަން މެނޭޖްމަންޓުން ނިންމީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނާފަ އެވެ. އަފޫ ޓީމުގައި ހިމަނައި މުބާރާތުގެ ނޮކައުޓް ބުރާއި ހަމައިން މުހިއްމު ޒިންމާއެއް ވެސް ޓީމުން އަފޫއާ ހަވާލުކުރި އެވެ.

ސެމީ މެޗުގައި ނާސިހު އުފާފާޅުކުރަނީ. މުޅި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން / އިމޭޖަސް.އެމްވީ

އޭދަފުށި ގޯލްޑަން ފުޓްސަލްގެ ފައިނަލަށް ދަތުރުކުރީ ނޮކައުޓް ބުރުގެ ތިން މެޗުގައި ވެސް ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. ގަދަ 16 ގައި މާފަންނާ ދެކޮޅަށް ކުޅުނު މެޗާއި ކުއާޓާ ފައިނަލުގައި ތިމަރަފުއްޓާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން ސެމީ ފައިނަލުގައި ގާފަރާ ވާދަކުރި މެޗުގައި ޖެހި ޕެނަލްޓީތަކަށް ކޯޗު ފައުޒާން ހަބީބް (ފައު) ނެރުނީ ބަދަލު ގޯލްކީޕަރު އަފޫ އެވެ. އެ ތިން މެޗުގައި ލިބުނު ފުރުސަތުގައި އަފޫ ވަނީ ތަފާތު ދައްކައި، ޓީމު މޮޅުކޮށްދީ ހިނިތުންވުން ގެނެސްދީފަ އެވެ.

އޭދަފުއްޓަށް ފައިނަލުގެ ފުރުސަތު ހޯމަ ދުވަހުގެ ރޭ ޔަގީންވި މެޗުގައި އަފޫ ވަނީ ގާފަރުން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ތިން ޕެނަލްޓީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. ގާފަރުގެ ފަހު ޕެނަލްޓީ އަފޫ މަތަކުރުމާއި ހަމައަށް އޭދަފުށީގެ ޓީމާއި ސަޕޯޓަރުން ތިބީ މާޔޫސްކަމެއްގަ އެވެ. އެކަމަކު އިތުބާރާ އެކު ޕެނަލްޓީ ސޭވްކޮށް، އަފޫ މުޅި ރަށަށް ހިނިތުންވުން ގެނެސްދިނެވެ. މިއިން ދުވަހަކު އޭދަފުށީގެ ސަޕޯޓަރުންގެ ފަރާތުން ނުފެންނަ ފޯރި އެ ހިނދުކޮޅު ފެނުނެވެ.

އޭދަފުށި ފައިނަލަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އަފޫ. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް / އިމޭޖަސް.އެމްވީ

ޕެނަލްޓީއާ ހަމައަށް މެޗު ދިޔައީ މުޅި މެޗުގައި ގޯލު ބެލެހެއްޓި ނާސިހުގެ ހުށިޔާރު ސޭވްތަކާ އެކު ޓީމު ސަލާމަތްކޮށްގެންނެވެ. ގާފަރުން ލީޑު ނެގި ދެ ފަހަރު ވެސް ފަހަތުން އަރައި އޭދަފުށިން އެއްވަރުކުރީ ނާސިހުގެ މޮޅު ކުޅުމާ އެކު ޓީމަށް އުއްމީދެއް ލިބުމުންނެވެ. އޭދަފުށި ބަލިވާން ދަނިކޮށް ނާސިހު ވަނީ ކުރިއަށް ޖެހި ޕޮގްބާ ފަހު މިނެޓުގައި ޖެހި ގޯލަށް އެސިސްޓްވެފަ އެވެ. އޭގެފަހުން މެޗު ނިމެން ފަސް ސިކުންތަށް ވެފައިވަނިކޮށް ގާފަރުގެ ހުނަރުވެރި ކުޅުންތެރިޔާ އަލީ މާއިސް (މައްޓު) ފުލުފުލުގައި ފޮނުވާލި ދެ ހަމަލާ ނާސިހު މަތަކުރި ގޮތަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. އެ ހަމަލާ ދިފާއުކުރަން އުޅުމުގެ ތެރޭގައި ނާސިހު އަށް ލިބުނު އަނިޔާއާ ގުޅިގެން ފަހު ސިކުންތުކޮޅަށް ނާސިހު ބަދަލުކުރަން ވެސް ޖެހުނެވެ.

މެޗަށް ފަހު އޭދަފުށީ ޓީމުގެ މެމްބަރުން އަފޫއާ އެކު އުފާފާޅުކުރަނީ. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް / އިމޭޖަސް.އެމްވީ

ސެމީ ފައިނަލުގައި ނާސިހު ކުރި އާދަޔާހިލާފު މޮޅެތި ސޭވްތަކާއި އެކު އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް އޭނާ ހޯދި އެވެ. އެކަމަކު މެޗަށް ފަހު ނާސިހު މޮޅު ކުޅުންތެރިޔާގެ މަގާމާ ހަވާލުވީ އެކަންޏެއް ނޫނެވެ. އެ ކާމިޔާބީގައި ނާސިހު ވަނީ އަފޫ ވެސް ބައިވެރިކޮށްފަ އެވެ. ދެ ކުޅުންތެރިން އެކުގައި މޮޅު ކުޅުންތެރިޔާގެ ޓްރޮފީއާ ހަވާލުވި މަންޒަރަކީ ހިތްގައިމު މަންޒަރެކެވެ. އެވަގުތު ކެމެރާގެ ލެންސްތަކަށް އެރީ އޭދަފުށި މާޔޫސްކަމުން ހިއްލާލި ދެ ފަހުލަވާނުންނެވެ. މުޅި ރަށުގެ އުއްމީދަކީ ފައިނަލުގައި ލ. ގަމާ ދެކޮޅަށް ވެސް ނާސިހު އާއި އަފޫގެ މޮޅު ކުޅުން ފެނި، ތާރީހީ ކާމިޔާބީއާ ހަމައަށް އޭދަފުށި ގެންގޮސްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.