ރޯދަމަސް ފެށުނު އިރުވެސް ގޯތި ދޫކުރަން އިއުލާން ނުކުރެވުނު

މި ރޯދައަށް ހަނދު ބެލުމުގެ ކުރިން އޭދަފުށިން ގޯއްޗަށް އެދޭފަރާތްތަކަށް ފުރުސަތު ހުޅުވާލެވޭނޭ ކަމުގެ އުއްމީދު ވަރަށްބޮޑު ކަމަށް އޭދަފުށީ ކައުންސިލްގެ ނައިބު ރައީސް އަލީ ޝަފީގު މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ވިދާޅުވި އެވެ. ނަމަވެސް ރޯދަ މަސް ފެށުނު އިރު ވެސް  އޭދަފުށިން ގޯތި ދޫކުރަން އިއުލާނު ކުރެވޭ ވަރެއް ނުވި އެވެ.

އޭދަފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކުރީގެ ރައީސް ޔާމީންގެ  ވެރިކަމުގައި ވަނީ މި ރަށުގެ ބިން ހިއްކައިފަ އެވެ. އަދި ކައުންސިލުގެ މިދިޔަ ދައުރުގައި އޭދަފުށިން ގޯއްޗަށް ހުޅުވާލުމުން 800 އެއްހާ މީހުން ގޯތި ހޯދަން އެދި ފޯމް ލި އެވެ.

އޭގެތެރެއިން 158 ގޯތި ދޫކުރަން ނިންމައި، ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓި އާއްމުކުރިފަހުން، އާއްމު ފަރާތަކުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓް އަމުރަކުން އެކަން ވަނީ ހުއްޓުވައިފަ އެވެ.

މިހާރުގެ ކައުންސިލުން ގޯތިދިނުމުގެ މަސައްކަތް އަލުން ފެށީ ކޯޓުން މިދިޔަ އަހަރު ކައުންސިލާ ދެކޮޅަށް މައްސަލަ ނިންމުމާ ހަމައިންނެވެ.

މީގެ ދިހަ އަހަރު ކުރިން މިރަށުގެ ބިން ހިއްކާފައި އޮތަސް އަދިވެސް އޭދަފުށީ ކައުންސިލަށް މިރަށުން ގޯތި ދޫކުރެވޭ ގޮތެއް ނުވެ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ރުޅިގަދަވެ، ކައުންސިލަށް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ގޯތި ދޫކުރުމުގެ މަސައްކަތް ކުރިޔަށް ދާގޮތާމެދު މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އޮންލައިން ނޫހަކަށް ދިން އިއްޓަވިއުއެއްގައި ކައުންސިލުގެ ނައިބް ރައީސް އަލީ ޝަފީގު ވިދާޅުވީ ގޯތިދޫކުރުމުގެ މަސައްކަތް ކުރިޔަށްދަނީ ވަރަށް ބާރު ސްޕީޑުގައި ކަމަށާ، ރައްޔިތުން ކަންބޮޑުވާނެޖެހޭ ކަމެއް އެކަމުގައި އޮވެގެން ނުވާނެކަމަށެވެ.

“އަސްލު ހަގީގަތުގައި މިހާރު މަސައްކަތުގެ ސްޕީޑް ވަރަށް ބާރަށް އެބަދޭ. މިވަގުތު ގޯތި ދޫކުރުމުގެ އުސޫލު ފާސްކުރުމުގެ މަސައްކަތް މިދަނީ ކުރިޔަށް. އަންނަ ހަފްތާތެރޭގައި ކައުންސިލުން ގޯތިދޭ އުސޫލު ފާސްކޮށް ނިމޭވަރުވާނެ. އެ އުސޫލަށް އެލްޖީއޭ ވަނީ ލަފާދީފައި. ދެން އޮންނާނީ ރައްޔިތުގެ ތެރެއިން ވިލަރެސް ކޮމެޓީއެއް ނެގުން. އޭގެ ފަހުން ގޯއްޗަށް އިއުލާން ކުރުން ލަސްނުވެ ކުރިޔަށް ގެންދެވޭނެ. ރޯދައިގެ ކުރިން އިއުލާން ކުރެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު” އީވީ އަށް މިދިޔަ ޖެނުއަރީމަހު އަލީ ވިދާޅުވެފައިވެ އެވެ.

ކައުންސިލުން ބުނި ގޮތުގައި އޭދަފުށިން ގޯތި ދޫކުރުމަށް ހަދާ އުސޫލު ކައުންސިލުން ފައިނަލް ކުރުމަށްފަހު ޕްލޭނިންގ މިނިސްޓްރީއަށް މިދިޔަމަހު ވާނީ ހުށަހަޅާފަ އެވެ. އެ އުސޫލުތައް ފާސްވެގެން އައުމާއެކު ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.

އޭދަފުށީ ރައްޔިތުންގެ ވެސް އެންމެ ބޮޑު އެއް ޝަކުވާއަކީ ބޯހިޔާވަހިކަން ނުލިބި ހާލުގައި އުޅެން ޖެހުމެވެ. މީގެ ދިހަ އަހަރު ކުރިން މިރަށުގެ ބިން ހިއްކާފައި އޮތަސް އަދިވެސް އޭދަފުށީ ކައުންސިލަށް މިރަށުން ގޯތި ދޫކުރެވޭ ގޮތެއް ނުވެ އެވެ. ގޯތި ނުލިބިގެން ރައްޔިތުން ކުރާ އެ ޝަކުވާތަކަށް ހައްލެއް ނުލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.