
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އޭދަފުށި ދަތުރުކޮށްފައިވާއިރު ޓީމުގައި ހިމެނޭ ރަށުން ބޭރު ކުޅުންތެރިންގެ ހިއްސާ ކުޑައެއް ނޫނެވެ. އޭދަފުށި ޓީމުގައި މި އަތޮޅު ގޮއިދޫއަށް ނިސްބަތްވާ ހަތަރު ކުޅުންތެރިޔަކާއި ކެންދޫގެ ކުޅުންތެރިއަކު ހިމެނެއެވެ. މީގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެކަކީ ގޮއިދޫއަށް އުފަން އާދަމް ނިޒާމް (ކިތުނާ) އެވެ. ކިތުނާއަކީ އޭދަފުށީ ޓީމުގެ އެޓޭކިންގ ޑިޕާރޓްމަންޓްގައި ބޭނުންކުރަމުން އަންނަ އެންމެ ނުރައްކާތެރި އެއް ހަތިޔާރެވެ. މި މުބާރާތުގެ ފައިނަލް ބުރުގައި މިހާތަނަށް އޭނާ ވަނީ ދެ ގޯލް ކާމިޔާބުކޮށްފައެވެ.
އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު މިނިވަން ޗެމްޕިއަންޝިޕްގެ ނަމުގައިި އަތޮޅުތެރޭގެ ފުޓްބޯޅަ މުބާރާތް އެފް އޭ އެމުން މިދިޔަ އަހަރު އަލުން ފެށިނަމަވެސް ކިތުނާ އަކީ އަތޮޅު ފުޓްބޯޅަ މުބާރާތަށް އާ ކުޅުންތެރިއެއް ނޫނެވެ. މިނިވަން ޗެމްޕިއަންޝިޕް ބޭއްވުމުގެ ކުރިންވެސް އޭނާ ވަނީ މ. މުލަކު އެކުވެރި ކުލަބަށާއި.، އއ. ތޮއްޑޫ ސޯސަން ކްލަބްގެ ފުޓްބޯޅަ ޓީމަށް ކުޅެފައެވެ. މުބާރާތުގައި ވާދަކުރުމުގެ ތަޖްރިބާގެ ބޭނުންހިފަން ބަލާއިރު ކިތުނާއަކީ ޓީމަށް ހަމަ ރަންގަޑެކެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކުރި އޭދަފުށި ޓީމުގައިވެސް ކިތުނާ މުހިއްމު ދައުރެއް އަދާކުރިއެވެ. އެ މުބާރާތުގައި އޭނާ އޭދަފުށި ޓީމަށް 12 ލަނޑު ޖަހައިދިނެވެ. މިއަހަރުގެ މުބާރާތުގައިވެސް ކިތުނާގެ އެހީތެރިކަމަށް އޭދަފުށި ޓީމުން އެދުނީ އެސަބަބާހުރެއެވެ. އޭނާއާ ދޭތެރޭ އޮތް ޔަގީންކަން މާބޮޑީއެވެ.
މުބާރާތުގެ ފައިނަލް ބުރަށް އޭދަފުށި ޓީމާއެކު ކިތުނާ ތިމަރަފުށްޓަށް ދިޔައީ އުފަން ރަށާ ދުރުގައި އޮންނަ ސޮނެވާފުށި ރިސޯޓްގައި މަސައްކަތްކުރަމުން ލިބުނު 8 ދުވަހުގެ ޗުއްޓީގައެވެ. އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ރަށަށް ދިއުމުގެ ބަދަލުގައި އޭނާ އހްތިޔާރުކުރީ އޭދަފުށްޓަށް ކުޅެދިނުމެވެ. ” އަހަރެން ދެކެނީ މިއީ އަމިއްލަ ޓީމެއްގެ ގޮތުގައި. މިޓީމަށް ކުޅެދިނުމަކީ އަހަރެއްނަށް ލިބޭ ވަރަށް ބޮޑު އުފަލެއް” ކިތުނާ ބުންޏެވެ. އެއީ ހަގީގަތުގައިވެސް ރަގަޅު ވާހަކައެއްކަން އަހަރެމެންނަށް ފެންނަން އެބައޮތެވެ. 8 ދުވަހުގެ އޯފް ހަމަވެގެން ސެމީ ފައިނަލް މެޗް ނުކުޅެ އެނބުރި ރިސޯޓަށް ކިތުނާ ދިޔައީ އުފަލަކުން ނޫނެވެ. މާދަމާރޭ އޮންނަ ފައިނަލް މެޗަށް ޓީމު ތައްޔާރުވަމުން އަންނައިރު ކުރިއަށް އޮތް ޑިސެމްބަރު މަހުގެ އޯފްއަށް ލިބޭ ހަތަރު ދުވަސް ނަގައިގެން މިހާރު އޭނާ އޭނާ ހުރީ ޓީމާއެ މާލޭގައެވެ. . ދެންތިބި ރަށުން ބޭރު ކުދިންވެސް ހަމަ އެފަދައެވެ. އޭދަފުށީގެ ހުރިހާ ރައްޔިތުންގެ ޝުކުރު އެކުޅުންތެރިންނަށް މާބޮޑަށްވެސް ހައްގެވެ.

މާދަމާރޭގެ މެޗަށް އޭދަފުށި ނުކުންނައިރު ކިތުނާއަކީ ޓީމުގައިހުރި ގަލޮޅު ދަނޑަށް އެންމެ ފަރިތަ އެކަކެވެ. އެދަނޑުގައި އޭނާ ކުޅުނު ބައެއް މެޗްތައް ކާމިޔާބުވެސް ކޮށްފައި އެބަހުއްޓެވެ. އަބަދުވެސް ގޯލާ ރައްޓެހި މިކުޅުންތެރިޔާ ވަނީ ގަލޮޅު ދަނޑުގައިވެސް އެކަން ސާބިތުކޮށްދީފައެވެ. އެކަމަކު ކިތުނާއަށް ނުކުރެވިއޮތްކަމަކީ އެދަނޑުގައި ތައްޓެއް އުފުލާލުމެވެ. މިހާރު މިއޮތީ އެކަން ހާސިލްވުމާ އެންމެ ގާތަށް އާދެވިފައެވެ.
“ކުރިން އެންމެ ދެކެން ބޭނުންވީ ގައުމީ ޓީމުން ފުރުސަތު ލިބޭނެ ދުވަހެއް. އެކަމަކު މާލޭގައި ކުރަންޖެހުނު ބައެއް ހިތި ތަޖްރިބާތަކާހެދި ފަހުން އެހިޔާލު ދޫކޮށްލީ. ދެން އެންމެ ބޭނުންވީ ގަލޮޅު ދަނޑުގައި ކުޅެ ތައްޓެއް ހޯދަން. އެއީ ކޮންމެ ކުޅުންތެރިއަކަށްވެސް ވަރަށް ހާއްސަ ކަމަކަށް ވާނީ” ކިތުނާ ބުންޏެވެ.
އެކަމަކު މިކަން އެއަށްވުރެ ހާއްސަވާ އެހެން ސަބަބެއްވެސް އެބައޮތެވެ. ގަލޮޅުދަނޑުގައި އޭދަފުށްޓަށް ތައްޓެއް ހޯދައިދޭން ނުކުމެވޭތީއެވެ.
” އަހަރެން އަސްލު ފުޓްބޯޅައިގައި މީހަކަށްވީ އޭދަފުށީގައި ކުޅެގެން. މީހުންނަށް އަހަރެންގެ ހުނަރު އެގެންފެށީ އޭދަފުށީގައި ކުޅެންފެށި ހިސާބުން. އެހެންވެ އޭދަފުށްޓަށް މިފަދަ މުބާރާތެއްގެ ތަށި ހޯދައިދޭން ވަރަށް ބޭނުން” އާއްމުކޮށް ކޯނަރާއި ހުރަސްތަކުގައި ބޮލުން ގޯލްޖަހާ ކުޅުންތެރިޔާ ބުންޏެވެ.

ތިމަރަފުއްޓާ ދެކޮޅަށް ފައިނަލްގައި ނުކުންނައިރު ގްރޫޕް ސްޓޭޖްގައި އެޓީމާ ދެކޮޅަށް ކުޅުނު މެޗްގައި ތިމަރަފުށިންވަނީ އޭދަފުށީގެ ފޯވާޑުން ހުއްޓުވުމުގައި ކުރި ހޯދާފައެވެ. އެކަމަކު އެމެޗުން ބަލިވުމުގައި އެހެން ސަބަބުތަކެއް ހުރިކަމަށް ކިތުނާ ގަބޫލުކުރެއެވެ. ” އެދުވަހުގެ މެޗްގައި ދިމާވީ ވަރަށް އެހެން ކަހަލަ ހާލަތެއް. މެޗް ހިނގަމުންދިޔައިރު ދަނޑު ބޭރުންނާއި އެހެން ގޮތްގޮތުން ކުރިމަތިވި ކަންތައްތަކެއްގެ ސަބަބުން ބައެއް ކުޅުންތެރިންނަށް ނަފްސާނީ ގޮތުން އެދުވަހު އަސަރު ކޮށްފައި ހުރި ކަމަށް ފާހަގަކުރެވުނީ” ތިމަރަފުށީގައި އެރަށު ޓީމާ ދެކޮޅަށް ކުޅުނު މެޗްގެ ތަޖްރިބާ ހިއްސާކުރަމުން ކިތުނާ ބުންޏެވެ.

އެކަމަކު މިއަދު މިއޮތީ ކިތުނާ ގަބޫލުކުރާގޮތުގައި އެހާލަތެއް ނޫނެވެ. ގަލޮޅު ދަނޑުގައި ކުޅޭ އިރު ކޮންމެވެސް ވަރެއްގެ އުނދަގޫތަކާ ކުރިމަތިލާން ޖެހުނަސް މުޗް ކާމިޔާބު ކުރެވޭނެ ކަމާދޭތެރޭ އޭނާގެ އުއްމީދު ބޮޑެވެ. + ހޯމް ގައި އޮންނަ އެޑްވާންޓޭޖެއް ގަލޮޅު ދަނޑުގައި އެއްވެސް ބަޔަކަށް ނުނެގޭނެ. ގަލޮޅު ދަނޑުގައި ދިމާވާނެ ހަމައެކަނި މައްސަލައެއްކަމަށް ފެންނަނީ ވެލި ދަނޑުގައި ކުޅޭއިރު ވާވަރަށްވުރެ އަވަހަށް ވަރުބަލިވުން. އެކަން މެނޭޖްކުރެވިއްޖެ ކަމަށް ވަންޏާ އަހަރެމެންނަށް މޮޅު ނުވެވޭންވީ ސަބަބެއް ނެތް”. ކިތުނާ ބުންޏެވެ. އެއީ ގައިމުވެސް ސަޕޯޓަރުންކުރާ އުއްމީދަށް ދިރުން ލިބޭނެ ވާހަކައެކެވެ.
ތިރީސް އަހަރަށްފަހު ފައިނަލެއްގައި ވާދަކުރުމަށް އޭދަފުށީގެ ޓީމެއް ގަލޮޅު ދަނޑަށް ނުކުންނައިރު ކިތުނާ ބުނިގޮތުގައި މިއީ ގޮއިދޫގެ ރައްޔިތުންނަށްވެސް ހާއްސަ މެޗެކެވެ. އޭދަފުށީގެ ރައްޔިތުންނެކޭ އެއްފަދައިން ފުޓްބޯޅައަށް މަރުދޭ ގޮއިދޫގެ ރައްޔިތުންގެ ތެރެއިންވެސް ގިނަ ބަޔަކު މާދަމާރޭގެ މެޗް ޓީވީން ވަގުތުން ބަލާނެ ކަމާމެދު ސުވާލެއް ނެތެވެ. އަމިއްލަ ރަށުގެ ޓީމު ނުކުޅަނަސް ކިތުނާގެ ގޯލެއް ފެންނަން ކޮންމެ ގޮއިދޫގެ ރައްޔިތަކު ހިތުން އެދިއެދި ތިބޭނެކަން ޔަގީނެވެ. އަހަރެމެންވެސް މިތިބީ އެއުއްމީދުގައެވެ. ކިތުނާއަށާއި އޭދަފުށި ޓީމަށް އީޓީގެ ފަރާތުން ކާމިޔާބަށް އެދެމެވެ.