
އެފް އޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ޓީސީ ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހު ވެލެންސިއާ އިން މި މުބާރާތުގެ ތަށި އުފުލާލައިފި އެވެ.
ރޭ ގަލޮޅު ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗް ވެލެންސިއާ އިން ކާމިޔާބުކުރީ 1-3 އިންނެވެ.
މެޗް ގެ ފުރަތަމަ ލަނޑު 22 ވަނަ މިނިޓްގައި ކާމިޔާބުކުރީ ވެލެންސިއާއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން އަދުހަމް (ސަޑޭ)އެވެ. ކްލަބް ވެލެންސިއާ އިން ވަނީ މެޗުގެ 38 ވަނަ މިނިޓްގައި އަނެއްކާވެސް ލަނޑެއްޖަހާ މެޗުގެ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެން ނިހާނެވެ.
ޓީސީ ސްޕޯޓްސް އިން މި މެޗްގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 40 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަލީ ނާފިއު (ކަޅޭ) އެވެ. މި މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއަކުން ވެލެންސިއާ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފް ފެށިގެން 4 ވަނަ މިނިޓްގައި ހަސަން އަދުހަމް (ސަޑޭ) ވަނީ އަނެއްކާވެސް ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ބޮޑުކޮށްފަ އެވެ. މިއީ އޭނާ މިމެޗުގައި ޖެހި ދެ ވަނަ ލަނޑެވެ.
ރޭގެ މެޗުގައި ޓީސީގެ އަލީ ފާސިރު (ސެންޓޭ) އަށްވެސް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތުތަކެއް ލިބި އޭގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފިފައެވެ. ހާއްސަކޮށް މެޗުގެ ފަހު 10 މިނިޓްގެ ތެރޭގައި ސެންޓޭއަށް ލިބުނު 2 ފުރުސަތު ފާހަގަކޮށްލެވެއެވެ.
2-3 ގެ ނަތީޖާއަކުން މިއަހަރުގެ އެފް އޭ ކަޕް ވެލެންސިއާއިން ކާމިޔާބުކުރުމުން އެޓީމަށް ވަނީ އަންނަ އަހަރުގެ އޭ އެފް ސީ ކަޕުން ޖާގަ ލިބިފައެވެ. އަދި މިއީ 12 އަހަރަށް ފަހު އެފް އޭ ކަޕްގެ ތަށި ވެލެންސިއާއިން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މިއީ ވެލެންސިއާއިން މި މުބާރާތް ކާމިޔާބުކުރި 5 ވަނަ ފަހަރެވެ.
