ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓް 2024 އަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނީ، އެ ބޭންކުގެ “ސްޓާޓަޕް ގްރާންޓް 2024” އަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. މިއީ އަލަށް ފަށާ އަދި ކުރިއަރަމުން އަންނަ ވިޔަފާރިތަކަށް އަމާޒުކޮށްގެން ދޫކުރާ ހިލޭ އެހީއެކެވެ.
މި ގްރާންޓް ޕްރޮގްރާމްގެ ދަށުން، ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ދެ ވިޔަފާރިއެއް ހޮވައި، ކޮންމެ ވިޔަފާރިއަކަށް 500,000 ރުފިޔާ ދޫކުރާނެއެވެ. މީގެ އިތުރުން، ހޮވޭ ވިޔަފާރިތަކަށް ބޭނުންވާ މާލީ ލަފާ ވެސް ބޭންކުން ފޯރުކޮށްދޭނެއެވެ.
ބީއެމްއެލްގެ އެކްޓިންގ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ، ވިޔަފާރިތައް ބާރުވެރިކުރުވުމަކީ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި ގްރާންޓް ޕްރޮގްރާމަކީ ރާއްޖޭގައި ވިޔަފާރީގެ ރޫހު އާލާކޮށް، ހުނަރުވެރި ވިޔަފާރިވެރިން އުފެއްދުމަށް ބޭންކުން ކުރާ މަސައްކަތުގެ ބައެއްކަމަށް ވިދާޅުވިއެވެ.
މި ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި، އަލަށް ރަޖިސްޓަރީކޮށް ހިންގަމުންދާ ވިޔަފާރިތަކަށް ހުޅުވާލެވިފައިވެއެވެ. ޝައުޤުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 17 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅުމަށް ބޭންކުން އެދިފައިވެއެވެ.
މިއީ ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓް ޕްރޮގްރާމްގެ ތިންވަނަ އަހަރެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ އަލަށް ފަށާ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެ ވިޔަފާރިތައް ކާމިޔާބު ވިޔަފާރިތަކަށް ބަދަލުކޮށް، އިޤްތިޞާދަށް ފައިދާހުރި ގޮތެއްގައި ކުރިއެރުވުމެވެ.