ބޭންކް އޮފް މޯލްޑިވްސް އިން ޖަމިއްޔާތައް ބާރުވެރިކުރުމަށާއި ރާއްޖޭގައި ދެމެހެއްޓެނެވި ތަރައްގީގެ މަޝްރޫއުތައް ކުރިއެރުވުމަށް އަމާޒުކޮށް ތައާރަފްކުރި ‘ބޭންކް ފަންޑް’ ގެ ފުރަތަމަ އަހަރުގެ ފަންޑިން ލިބޭ ފަރާތްތައް ހާމަކޮށްފިއެވެ.
މި އަހަރުގެ ބޭންކް ފަންޑު ލިބޭ ފަސް ޖަމިއްޔާއަކީ:
- މުރަކަ ފާމް: ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ބ. ދަރަވަންދޫގައި މުރަކަ އާލާކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް
- ޗިލްޑްރަން އޮފް މޯލްޑިވްސް: ތިމާވެއްޓާ މެދު ޝައުގުވެރިކަން އުފައްދައި، ހޭލުންތެރިކޮށް އިލްމީ މައުލޫމާތު ފޯރުކޮށްދޭން ވިލިނގިލީގައި ލައިބްރަރީއެއް ގާއިމުކުރުމަށް
- ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން: ކާބޯތަކެތީގެ ރައްކާތެރިކަމާ ދެމެހެއްޓެނިވި ދަނޑުވެރިމުގެ އާދަތަކާއެކު ދަނޑުވެރިކަމުގެ މަޝްރޫއެއް ހިންގުމަށް
- ވޭމަންޑޫ ޒުވާނުންގެ ގުޅުން: ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ތ. ވޭމަންޑޫ ސުކޫލުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ސެންސަރީ އަދި ލޮކޭޝަނަލް ތަމްރީނުތަކަށް ޓްރެއިނިން ރޫމެއް ގާއިމުކުރުމަށް
- ޔުނިޓީ ސްޕޯޓްސް އެކަޑަމީ: ޓެކްނޮލޮޖީ އަދި ކުޅިވަރުގެ ޒަރިއްޔާއިން ޒުވާނުން ބާރުވެރިކުރުމަށް ށ. ފުނަދޫ ސުކޫލުގައި މީޑިއާ އަދި ކުޅިވަރު ލެބްތަކެއް ތަރައްގީ ކުރުމަށް
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާރޖް އޮފް ދަ ބޭންކް ޢާއިޝަތު ނޫރައްދީން ވިދާޅުވީ ” ބޭންކް ފަންޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި ޖަމިއްޔާތަކާއެކު މަސައްކަތްކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ވަރަށް ފުރިހަމަ މިސާލެއް. މި ފަސް ޕްރޮޖެކްޓުން އަޅުގަނޑުމެންގެ މުޖުތަމައުއަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ކުރާނެ. އަދި ޕްރޮޖެކްޓްތަކަށް އެހީތެރިވެދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް.”
ބޭންކް ފަންޑަކީ ކޮންމެ އަހަރަކު ފަސް މަޝްރޫއަކަށް 200،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މުޖުތަމައުތައް ބާރުވެރިކުރުވައި، ދިވެހިރާއްޖޭގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކަށް ބީއެމްއެލް އިން އަބަދުވެސް ނުހަނު ބޮޑު އަހުމިއްޔަތުކަމެއް ދެއެވެ.