
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2024 ވަނަ އަހަރަށް ސްޓާޓަޕް ގްރާންޓް ލިބޭ ދެ ވިޔަފާރިއެއް ހޮވައިފިއެވެ.
ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ވިޔަފާރި ފެށުމަށް ނުވަތަ ކުރިއެރުވުމަށް ހިލޭ އެހީގެ ގޮތުގައި 500،000 ރުފިޔާ ދެމުންއަންނަ ފަންޑެކެވެ. މިއަހަރު މި ގްރާންޓް ކާމިޔާބުކޮށްފައިވަނީ “ދަ އައިލެންޑް ފެކްޓްރީ” އާއި “އާފްޓަރ ސްކޫލް” އެވެ.
ނިޔާފް މުހައްމަދުގެ “ދަ އައިލެންޑް ފެކްޓްރީ” އަކީ ރާއްޖޭގައި ފެންވަރު ރަނގަޅު އިޖާދީ ލުއި ކާނާ އުފެއްދުމަށް ޤާއިމްކުރާ މަހުގެ އުފެއްދުންތަކުގެ ފެކްޓްރީއެކެވެ. އަދި މުހައްމަދު ޝާމިން އަލީގެ “އާފްޓަރ ސްކޫލް” އަކީ އަމިއްލައަށް ފަރުމާކޮށްގެން ރާއްޖޭގެ ދަރިވަރުންނަށް ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ، މެތަމެޓިކްސް) ކިޓް ފޯރުކޮށްދީ، އެކަމާގުޅޭ ތަމްރީނު ޕްރޮގްރާމްތައް ހިންގާ ވިޔަފާރިއެކެވެ.
ސްޓާޓަޕް ގްރާންޓް ކާމިޔާބުކުރި ފަރާތްތައް ހޮވާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ގެންދެވުނު ވަރަށް ވާދަވެރި އިވެލުއޭޝަން ޕްރޮސެސްއަކަށްފަހުގައެވެ. ފުރަތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓްކޮށް، އެންމެ ފާހަގަކޮށްލެވޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވުނެވެ. އަދި ދެވަނަ މަރުހަލާގައި، ޝޯޓްލިސްޓްވި ފަރާތްތަކުން އެފަރާތްތަކުގެ ވިޔަފާރިއާ ގުޅޭ ޕްރެޒެންޓޭޝަން އިވެލުއޭޝަން ކޮމިޓީއަށް ހުށަހެޅިއެވެ.
2024 ވަނަ އަހަރަކީ އުފެދެމުން އަންނަ ވިޔަފާރިތަކަށް ޖެހިޖެހިގެން ބޭންކުން ސްޓާޓަޕް ގްރާންޓް ފޯރުކޮށްދޭ ތިންވަނަ އަހަރެވެ.