
ބ. އަތޮޅު ތައުލީމީ މަރުކަޒަށް 30 އަހަރު ހިދުމަތް ކުރެއްވި ޓީޗަރު، މުހައްމަދު ހަބީބު ވަޒީފާއިން ރިޓަޔާކުރައްވައިފި އެވެ.
ހަބީބު ވަޒީފާއިން ރިޓަޔާކުރެއްވުމުން، އޭނާގެ ހިދުމަތްތައް ފާހަގަކޮށް، ޝުކުރު އަދާކުރުމުގެ ގޮތުން އެ ސްކޫލުން ވަނީ ހާއްސަ ހަނދާނީ ފިލައެއް ވެސް އަރުވައިފަ އެވެ.
ހަބީބު ރިޓަޔާ ކުރެއްވުމާ ގުޅޭ ގޮތުން އެ ސްކޫލުން ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުގައި 30 އަހަރުގެ މުއްދަތުގައި، ޙަބީބު ވަނީ އެތައް ދަރިވަރުންތަކެއްގެ ސިކުނޑިތައް އުނގަންނައިދެއްވައި، ތަޢުލީމީ އަދި އަޚްލާޤީ ރޮނގުން މޮޅެތި ކުދިންތަކެއް އުފެއްދެވުމުގައި ދެމިހުންނަވާފައެވެ. އަދި އޭނާގެ ޚިދުމަތް ކްލާސްރޫމުން ބޭރަށް ފުޅާވެ، އެހެން މުދައްރިސުންނަށް މަގުދައްކަވައި، ތަޢުލީމީ މުޖުތަމަޢުގެ ތަނބެއްގެ ގޮތުގައި ޚިދުމަތްކުރެއްވި ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.
ހަބީބު ރާއްޖެއިން ބޭރުން ކިޔަވައި ވިދާޅުވުމަށް ފަހު، ފުރަތަމަ ވަޒީފާ އަދާކުރެއްވީ ވެސް ބ. އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ. އެގޮތުން 1992 ވަނަ އަހަރުން ފެށިގެން 1996 ވަނަ އަހަރާ ހަމައަށް އެ ސްކޫލުގައި މަސައްކަތް ކުރެއްވީ އަރަބި ބަސް ކިޔަވައިދެއްވާ މުދައްރިސެއްގެ ގޮތުގަ އެވެ.
އޭގެ ފަހުން 1997 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރާ ހަމައަށް މަސައްކަތް ކުރެއްވީ ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންނަށް އިސްލާމް ކިޔަވައިދެއްވާ ޓީޗަރެއްގެ ގޮތުގައެވެ. އަދި 2005 ވަނަ އަހަރުން ފެށިގެން އެ ސްކޫލުގެ ސްޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު، އޭނާ ވަނީ އޭދަފުށީ ކައުންސިލަރުކަމަށް އައްޔަން ކުރެއްވުމާ ގުޅިގެން އެ މަގާމާ ހަވާލުވެވަޑައިގަތެވެ.
ނަމަވެސް ކައުންސިލަރު ކަމުގައި ދެ އަހަރެއްހާ ދުވަހު ހުންނެވުމަށްފަހު އޭނާ ވަނީ އަލުން 2011 ވަނަ އަހަރު ގްރެޖުއޭޓް ލީޑިން ޓީޗަރެއްގ ގޮތުގައި އަލުން ސްކޫލާ ގުޅިވަޑައިގެންފަ އެވެ.
ސްކޫލުން ބުނީ މިހާރު ރިޓަޔާމަންޓްގެ އާ ދިރިއުޅުމެއް ފަށްޓަވަމުން ގެންދަވާއިރު، އެ ސްކޫލަށް އޭނާ ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.