
މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޔޫސުފް ސްޕީޑް ފެރީ މެދުވެރިކޮށް ކުރައްވާ ދަތުރުތައް މުޅިން ހިލޭ ކޮށްދޭން ނިންމައިފި އެވެ.
ބ. އަތޮޅާއި މާލެއާ ދެމެދު ފެރީގެ ޚިދުމަތް ދެމުން އަންނަ ޔޫސުފް ސްޕީޑުން ބުނިގޮތުގައި މިއީ ހައްޖުގެ މަތިވެރި އަޅުކަމަށްދާ މީހުންނަށް އެހީތެރިވުމުގެ ގޮތުން އެ ކުންފުނިން ނިންމި ނިންމުމެކެވެ. އެގޮތުން ހައްޖުގެ އަޅުކަން އަދާކުރުމަށް މާލެ ދާން ބޭނުންވާ ފަރާތްތަކަށް ދެކޮޅު ދަތުރު ހިލޭ ލިބޭނެކަމަށް ޔޫސުފް ސްޕީޑުން ބުންޏެވެ.
މިފަދަ ޚިދުމަތްތަކަކީ ހައްޖު ދަތުރުފުޅުގައި ހޭދަކުރައްވަންޖެހޭ ޚަރަދު ކުޑަކުރުމަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ލުޔެއް ކަމުގައި ގިނަ ބަޔަކު ފާހަގަކުރެވެއެވެ.
މި އަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ވަޑައިގަންނަވާ ދިވެހިންގެ ފުރަތަމަ ގްރޫޕް މި މަހުގެ 26 ވަނަ ދުވަހު ސައުދީ އަރަބިއްޔާއަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.
މި އަހަރުގެ ހައްޖު ދުވަސް އަންނާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.