އޭދަފުށީ ކައުންސިލުން ޚަރަދުކޮށްގެން ފަތާ ސަރަހައްދެއް ތަރައްޤީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ބ. އޭދަފުށީގައި ފަތާ ސަރަހައްދެއް ތަރައްޤީކުރަން އޭދަފުށި ކައުންސިލުން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

އޭދަފުށީ ކައުންސިލުގެ ބަޖެޓުން 4.63 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢު އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. އަދި އޭދަފުށި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް، މުޙައްމަދު ފާތިޙްއެވެ. މި ރަސްމިއްޔާތުގައި އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު، އަޙްމަދު ސަލީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، ފަތާ ސަރަހައްދު ތަރައްޤީކުރުމަށް 15,914 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 160 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 60 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 70 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

3,500 މީހުންގެ އާބާދީއެއް އޮންނަ ބ. އޭދަފުއްޓަކީ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. އަދި މުޅި ބ. އަތޮޅުގައިވެސް އެންމެ ބޮޑު އާބާދީއެއް އޮންނަ ރަށަކީވެސް އޭދަފުށްޓެވެ. މި ރަށުގެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގައާއި ކައިރީ ރިސޯޓްތަކުގައެވެ.

އޭދަފުށީގެ ރައްޔިތުން މޫދަށް އެރުމަށް ޚާއްޞަ ސަރަހައްދަކަށް ބޭނުންވެފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މި މަޝްރޫޢު ނިމުމުން ރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެކަމަށް އެމްޓީސީސީން ބުންޏެވެ.

އޭދަފުށީ ކައުންސިލުން ވަނީ މި މަޝްރޫޢު މިހާ ހިސާބަށް ގެނައުމުގައި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ކުރެއްވި މަސައްކަތްތައް ފާހަގަކޮށް،ރައްޔިތުންގެ ނަމުގައާއި ކައުންސިލްގެ ނަމުގައި ޝުކުރު އަދާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.