
ބ. އޭދަފުށީގައި މިއަހަރުގެ އަޟްހާ އީދުގެ ކުޅިވަރު ހަރަކާތްތައް މިރޭ ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ކްލަބް ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މި ހަރަކާތްތައް ފެށުމުގެ ގޮތުން މިރޭ 9:00 ގައި ޖަމިއްޔާތުލް ވަފާ ސަރަހައްދުގައި އީދު ހުޅުރޯކުރުން އޮންނާނެ އެވެ.
މި އީދުގައި ކުރިއަށްގެންދާ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި ވެޓަރަންސް ފުޓްބޯޅަ މުބާރާތެއް ހިމެނެއެވެ. މި މުބާރާތް ފެށުން މިރޭ 8:30 ގައި ފުޓްސަލް ދަނޑުގައި އޮންނާނެއެވެ. ހަތަރު ޓީމު ވާދަކުރާ މި މުބާރާތުގެ ދެ މެޗު މިރޭ ކުޅޭނެ އެވެ.
އީދު ފާހަގަކުރުމުގެ ގޮތުން މިރޭ 22:00 ގައި އޭދަފުށީ ރާޅުގަނޑު ސަރަހައްދުގައި ލެންޓާން ފެސްޓިވަލެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އީދުގެ ފުރަތަމަ ތިން ދުވަހު ރަށުގެ އެކި ސަރަހައްދުތަކުގައި އެކި ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.
އީދު ފާހަގަކުރުމަށް ރޭވިފައިވާ އެހެނިހެން ހަރަކާތްތަކުގެ ތެރޭގައި ފައިގަތަޅާ މުބާރާތަކާއި، ކިޑްސް ކަލާ ފެސްޓިވަލް، ދެލި މާލި ކޮޑި ކުޅުމާއި މާލި ޕެރޭޑް، ސަގާފީ ނެށުން، ވާދެމުމާއި ބާބަކިއު އަދި ކަނބަލުންގެ މަސްރޭސް ހިމެނެއެވެ.
މިއަހަރުގެ އީދު ފާހަގަކުރުމަށް އޭދަފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރަން ވަނީ ނިންމައިފަ އެވެ. މި ހަރަކާތްތައް ކުރިއަށްގެންދަނީ ރަށުގެ ކްލަބް ޖަމިއްޔާތަކުގެ ފުރިހަމަ އެއްބާރުލުމާއެކުގައެވެ.