އަންނަ މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރްޓީއެލްގެ ފެރީގެ ހިދުމަތް ފެށިގެންދާނެ: ރައީސް

ވެވަޑައިގަތް ވައުދުފުޅާ އެއްގޮތަށް އަންނަ މަސް (ޖުލައި) ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރްޓީއެލްގެ ފެރީގެ ހިދުމަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރ. އަތޮޅުގައި މި ހިދުމަތް ފަށައިފައިވާއިރު، ބ. އަތޮޅުގައި ފެށުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރ. އަތޮޅުގައި މިއަދު މި ހިދުމަތް ފެށިފައިވަނީ ރައީސް މުއިއްޒު ދެއްވި ވައުދަކާއި އެއްގޮތަށެވެ. އެމަނިކުފާނު މި މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އާރުޓީއެލް ފެރީ ހިދުމަތް ފެށޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ފާހަގަކުރެއްވީ އެ ވައުދު މިހާރު ފުއްދިފައިވާ ކަމަށެވެ. މި ހިދުމަތް ފެށުމުން ރ. އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ގޮތުން އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އާރުޓީއެލް ފެރީގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ދަށުން މިއަދުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ރ. އަތޮޅުގެ ރައްޔިތުންނަށް ފެރީގައި ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ. އެއަށް ފަހު އާރްޓީއެލްގެ ހިދުމަތް ލިބޭނީ ޓިކެޓް ގަނެގެންނެވެ. ޓިކެޓް ނަގަން ޖެހޭނީ އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.

މި މަޝްރޫއުގެ ޒޯން 2 ގައި ހިމެނޭ ރ. އަތޮޅުގައި މިއަދު ދަތުރު ފަށާފައިވާއިރު، އެ ޒޯނުގައި ހިމެނޭ ޅ. އަދި ނ. އަތޮޅުގައި މިހާރު ވެސް ފެރީގެ ހިދުމަތް އަންނަނީ ދެމުންނެވެ. ރ. އަތޮޅާ އެކު އާރްޓީއެލް ހިދުމަތް ދޭ އަތޮޅުގެ އަދަދު މިހާރު ވަނީ 10 އަކަށް އަރައިފަ އެވެ.

މި ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމަކީ ރައްޔިތުންނަށް ދަތުރުފަތުރުގެ ދާއިރާއިން ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.