
ރާއްޖޭގެ އެންމެ ބޮޑު އެއް އަމިއްލަ ހޮސްޕިޓަލް ކަމަށްވާ އޭޑީކޭގެ މެޑިކަލް ކޭމްޕެއް އޭދަފުށީގައި ބާއްވަން ނިންމައިފި އެވެ.
މި ކޭމްޕް ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހު ބ. އަތޮޅު ހޮސްޕިޓަލުގަ އެވެ.
އޭޑީކޭ އިން ބުނި ގޮތުގައި ހިލޭ ޑޮކްޓަރަށް ދެއްކޭގޮތަށް ކުރި އަށް ގެންދާ މެޑިކަލް ކޭމްޕްގެ ތެރޭގައި އީއެންޓީ އާއި ކިޑްނީގެ ބަލިތަކާއި ކެއުމުގެ ނިޒާމުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތަކާއި ހަމުގެ ބަލިތަކުގެ އިތުރުން ނަފްސާނީ ބަލިތަކާއި ރިއުމެޓޮލޮޖީ އަދި ހޯމޯން ނިޒާމުގެ ބަލިތައް ހުންނަ މީހުންނަށް ފަރުވާ ދޭނެ އެވެ.
މެޑިކަލް ކޭމްޕްގައި އޭޑީކޭގެ ތަޖުރިބާކާރު އަށް ޑޮކްޓަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ ބުނިގޮތުގައި މެޑިކަލް ކޭމްޕުން ފަރުވާ ހޯދަން ބޭނުންވާ މީހުންނަށް ބ. އަތޮޅު ހޮސްޕިޓަލަށް ގުޅައިގެން ނަން ނޯޓް ކުރެވޭނެ ކަމަށެވެ.
އޭޑީކޭ އިން ބުނިގޮތުގައި މިއީ އެ ހޮސްޕިޓަލުގެ ސިނާޖީން އިސްނަގައިގެން ސީއެސްއާރުގެ ދަށުން ބ. އަތޮޅު ރައްޔިތުންނަށް ކުރިއަށްގެންދާ ކޭމްޕެކެވެ.
މިއީ އޭދަފުށީގައި މެޑިކަލް ކޭމްޕެއް އޭޑީކޭ އިން ބާއްވާ ފުރަތަމަ ފަހަރެވެ.
މިފަދަ މެޑިކަލް ކޭމްޕްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭއްވުމަކީ އޭޑީކޭ ހޮސްޕިޓަލުން އާންމުކޮށް ކުރަމުންދާ ކަމެކެވެ. މި ކޭމްޕްތަކުގެ ސަބަބުން ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް މާލެ އަންނަން ޖެހޭ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

