
ރޭޑިއޯ ޕްރެޒެންޓަރުން އުފެއްދުމުގެ މަޤްސަދުގައި ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތް 2025ގެ 1ވަނަ ބ.ތުޅާދޫ ވައިޖެހޭގޭ އައިޝަތު ފިނާ ފިރާޤް ހޯދައިފިއެވެ.
ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަޢާރަފުކޮށް މި ދާއިރާއިން އިތުރަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމަށް ކުރިއަށްގެންދިޔަ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮމްޕެޓިޝަންގެ ފަޚުރުވެރި އެއްވަނަ ހާސިލްކުރި ފިނާއަށް ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަޙްމަދު ނަރީޝްއެވެ.
ފިނާ މި މުބާރާތުގެ ފަޚުރުވެރި 1ވަނަ ހޯދާފައިވަނީ ގަދަ ފަސް ބައިވެރީންގެ ތެރޭގައި ހިމެނި އެންމެ ފަހުން ހުށަހެޅި “މެގަޒިން” ހުށަހެޅުންތަކުން ފަނޑިޔާރުންގެ 70 އިންސައްތަ މާކުހާއި އެހުންތެރީންގެ 30 އިންސައްތަ ވޯޓާއެކު ލިބުނު ނަތީޖާއިންނެވެ.
މުބާރާތުގެ ޓައިޓަލް ކާމިޔާބުކުރި ފިނާއަށް މުބާރާތުގެ ޓައިޓްލް އެވޯޑުގެ އިތުރުން 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. އަދި ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހު ދިވެހިރާއްޖޭގެ އަޑުގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތުވެސް ވަނީ ދީފައެވެ. މީގެއިތުރުން މުބާރާތުގެ ދެ ވަނަ ހާސިލްކުރި ލަޝަންއަށް 20،000 އަދި 3 ވަނަ ހާސިލް ކުރި އަލީ ޖައިޝަންއަށް 15،000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން އިތުރު އިނާމްތައްވެސް ދީފައިވެއެވެ.
2016 ވަނަ އަހަރުން ފެށިގެން ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތަކީ ރޭޑިއޯ ޕްރެޒެންޓިންގެ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަޢާރަފުކޮށް މި ދާއިރާއިން އިތުރަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދިނުމަށް ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއީ މި ދާއިރާއަށް ޝަޢުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ފޯރިގަދަ، އެންމެ ވާދަވެރި އަދި އެންމެ ބޮޑު މުބާރާތެވެ.

