ބ. އަތޮޅުގައި އާރްޓީއެލް ފެރީ ޚިދުމަތް ފެށުމަށް ތައްޔާރީތައް ފަށައިފި

ބ. އަތޮޅުގައި މި ޖުލައި މަސް ނިމުމުގެ ކުރިން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީގެ ޚިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން، ޓްރާންސްޕޯޓް މިނިސްޓްރީއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ބ. އަތޮޅުގެ ރަށްރަށަށް ދަތުރުތައް ފަށައިފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނި ގޮތުގައި، މި ދަތުރުތަކުގެ މައިގަނޑު މަޤްޞަދަކީ، އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ފެށުމުގެ ކުރިން ބ. އަތޮޅުގެ ހުރިހާ ރަށްރަށުގެ ކައުންސިލްތަކުގެ އިތުރުން އެހެނިހެން ކަމާބެހޭ އިދާރާތަކާއެކު ބައްދަލުކޮށް، މަޝްވަރާކުރުމާއި، މި ޚިދުމަތާ ބެހޭ ގޮތުން ފުރިހަމަ މަޢުލޫމާތު ދިނުމެވެ. މި ދަތުރުތަކުގައި މިނިސްޓްރީގެ ޓީމަކާއި އެމް.ޓީ.ސީ.ސީގެ ޓީމެއް ބައިވެރިވެއެވެ.

އާރް.ޓީ.އެލް ފެރީގެ ޚިދުމަތަކީ ރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްތައް އެއް ކޮޅުން އަނެއް ކޮޅަށް ގުޅުވައިލާ، ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫޢެކެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އާރުޓީއެލް ފެރީގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަކީ ރައީސްގެ ވައުދުފުޅެކެވެ.

 ބ. އަތޮޅުގައި މި ޚިދުމަތް ފެށުމުން، އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ގޮތުން އިތުރު ފަސޭހަތަކެއް ލިބި، ރަށްރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުންތައް ލިބިގެންދާނެ އެވެ.

މި ދަތުރުތައް ކުރިޔަށް ދާނެ ގޮތާއި، ބައްދަލުވުންތަކުން ލިބޭ މަޢުލޫމާތުގެ އަލީގައި، ބ. އަތޮޅުގައި އާރް.ޓީ.އެލް ފެރީ ޚިދުމަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ހަމަޖެހިގެންދާނެއެވެ.

މި މަޝްރޫއުގެ ޒޯން 2 ގައި ހިމެނޭ ރ. އަތޮޅުގައި މިދިޔަ މަހު ދަތުރު ފަށާއިރު، މި ޒޯނުގައި ހިމެނޭ ޅ. އަދި ނ. އަތޮޅުގައި މިހާރު ވެސް ފެރީގެ ހިދުމަތް އަންނަނީ ދެމުންނެވެ. ބ. އަތޮޅުގައި އާރްޓީއެލް ހިދުމަތް ދޭން ފެށުމާއެކު، މި ހިދުމަތްދޭ އަތޮޅުގެ އަދަދު 11 އަށް އަރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.