ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު އަބްދުލް ޣަނީ އާއި މަރިޔަމް ރަޝީދާ އަދި ވަހީދަށް

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވާ ގައުމީ އިނާމު އޭދަފުށީ މަންޒިލް ޢަބްދުލްޣަނީ ޔޫސުފް އާއި ރަންގަލީ މަރިޔަމް ރަޝީދާ އަދި އޭދަފުށީގެ ދިރިއުޅުއްވަމުމުން ގެންދަވާ އަހްމަދު ވަޙީދަށް ލިބިވަޑައިގެންފި އެވެ.

މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ޖުމްލަ 94 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވާފައެވެ. މި އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށް ދެއްވާ ޝަރަފުވެރި އިނާމެކެވެ.

ޢަބްދުލްޣަނީ ޔޫސުފް

ޢަބްދުލްޣަނީ ޔޫސުފް ދައުލަތުގެ ޚިދުމަތަށް ނުކުމެވަޑައިގަތީ 1969 ވަނަ އަހަރުގެ ޖުލައި މަހުގައި ގަވަރމަންޓް ހޮސްޕިޓަލްގެ ފިރިހެން އެޓެންޑެންޓެއްގެ ގޮތުގައެވެ. އޭގެ ފަހުން އެއަރޕޯޓު އޮފީސް، އޯޑިޓް އޮފީސް، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީ، ބޮޑުވަޒީރުގެ އޮފީސް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކި މަޤާމުތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ.

އެންމެ ދިގު މުއްދަތަކަށް މަސައްކަތް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި އޮފީހުގައި ބަޖެޓް ބެލެހެއްޓެވުމާއި، އިންޓަރނަލް އޮޑިޓްގެ މަސައްކަތްތަކާއި، އޮފީހުގެ ފަރުނީޗަރު ފަރުމާކުރެއްވުމާއި، އޮފީސް އިމާރާތުގެ ސެކްޝަންތަކާއި ވަރކް ސްޓޭޝަންތައް ރޭވުމުގެ މަސައްކަތްތައް ކުރެއްވިއެވެ.

މީގެ އިތުރުން، އިންވޮއިސް ކޮމިޓީގައި ރައީސް އޮފީސް ތަމްސީލުކުރެއްވުމާއި، އެސްޓިމޭޓް ކޮމިޓީގެ މަސައްކަތްތައް ބެލެހެއްޓެވުމާއި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ރަސްމީ ބައްދަލުވުންތަކުގެ އިންތިޒާމުތައް ހަމަޖެއްސެވުމާއި، ރިހިޖެހި ކޮށީގެ އިމާރާތްތައް ފަރުމާކުރެއްވުމުގެ މަސައްކަތްތައްވެސް ކުރައްވާފައިވެއެވެ.

ޢަބްދުލްޣަނީ ޔޫސުފަކީ ހިންގުންތެރި، މުރާލި، ހީވާގި އަދި ހުނަރުވެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ބޭފުޅެކެވެ. 42 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، 2011 އޮގަސްޓު 1 ވަނަ ދުވަހު ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓަރުގެ މަޤާމުގައެވެ. ރައީސް އޮފީހުގައި މެދުނުކެނޑި 35 އަހަރަށްވުރެ ގިނަ ދުވަހު ކުރެއްވި އަގުހުރި ޚިދުމަތުގެ އަގުވަޒަންކުރައްވައި، އެމަނިކުފާނަށް ވަނީ ހަނދާނީ ފިލައެއް ދެއްވާފައެވެ.

މަރިޔަމް ރަޝީދާ

އަލްފާޟިލާ މަރްޔަމް ރަޝީދާ ވަނީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 43 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ. އެންމެ ފުރަތަމަ ވަގުތީ ކާތިބާއެއްގެ ގޮތުން ފެށްޓެވި މަސައްކަތް، އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމާ ހަމައަށް ކުރިއަރުވާފައިވެއެވެ.

މަރްޔަމް ރަޝީދާގެ މައިގަނޑު މަސައްކަތަކީ ސްކޫލުގެ ބަޖެޓު ބެލެހެއްޓެވުމެވެ. މިގޮތުން ބަޖެޓު މެނޭޖްކުރެއްވުމުގައި ދެފުށް ފެންނަ ސިޔާސަތުތަކެއް ގެންގުޅުއްވައި، ދަރިވަރުންނާއި މުވައްޒަފުންގެ ބޭނުންތައް ހަމަހަމަކަމާއެކު ފުއްދައިދެއްވުމަށް މަސައްކަތްކުރައްވާފައިވެއެވެ.

މީގެއިތުރުން، ސްކޫލުގެ ވަސީލަތްތަކާއި އިމާރާތްތައް ބެލެހެއްޓެވުމާއި، ސަޕޯޓް ސްޓާފުންގެ މަސައްކަތް ސުޕަވައިޒްކުރެއްވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވެއެވެ. 19 ޑިސެންބަރު 2023 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވުމަށްފަހުގައިވެސް، ސްކޫލަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވައެވެ.

އަހްމަދު ވަހީދު

އޭދަފުށީ މީހަކާ ކައިވެނި ބައްލަވައިގެން މިރަށުގައި ދިރިއުޅުއްވަމުން ގެންދަވާ، ލ. ކަލައިދޫ ހަވީރީގޭ އަޙްމަދު ވަޙީދު، ދިވެހި ދައުލަތަށް ޚިދުމަތްކުރަން ފެއްޓެވީ 3 ޖަނަވަރީ 1981 ގައެވެ. އޭނާ ފުރަތަމަ މަޤާމަކީ ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ކޮމިއުނިޓީ ހެލްތު ވަރކަރެވެ. އޭގެ ފަހުން ޖަމާޢަތުގެ ޞިއްޙީ އެހީތެރިޔާ، ސުޕަވައިޒަރު، ރީޖަނަލް ހެލްތު އޮފިސަރު، ސީނިއަރ ރީޖަނަލް ހެލްތު އެޑްމިނިސްޓްރޭޓަރު އަދި ހޮސްޕިޓަލް ޑިރެކްޓަރުގެ މަޤާމުތައް ފުރުއްވާފައިވެއެވެ.

ވަހީދުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ބަލިމީހުންނަށް ފަރުވާދިނުމާއި، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމާއި، ވެކްސިން ޕްރޮގްރާމްތައް ހިންގުމާއި، ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލް ހިންގުމާއި ތަރައްޤީކުރުން ހިމެނެއެވެ. އަދި އަތޮޅުތެރޭގެ އެކި ރަށްރަށަށް ވަޑައިގެން ޞިއްޙީ ޚިދުމަތް ފޯރުކޮށްދެއްވާފައިވެއެވެ.

އަޙްމަދު ވަޙީދުގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވެއެވެ. އެގޮތުން ރ. އަތޮޅު، ޅ. އަތޮޅު، ލ. އަތޮޅު، ދ. އަތޮޅު އަދި އައްޑު އަތޮޅުގައި ޞިއްޙީ ޚިދުމަތް ދެއްވާފައިވެއެވެ. ވަހީދު މިހާރު ހުންނެވީ ބ. އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރުގެ މަޤާމުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.