
އެމްޓީސީސީގެ ހައި ސްޕީޑް ފެރީ، “ރާއްޖެ ޓްރާންސްޕޯޓް ލިންކް” (އާރުޓީއެލް)ގެ ހިދުމަތް ބ. އަތޮޅުގައި މިއަދު ފަށައިފި އެވެ.
މި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފައްޓަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އާރުޓީއެލް ފެރީގެ ހިދުމަތް ބ. އަތޮޅުގައި މިއަދު ފަށާފައިވާ ކަމަށާއި އެއާއެކު ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް ވެސް ފެރީގެ ނިޒާމުން ގުޅާލެވިގެން ދާނެ ކަމަށެވެ.
ބ. އަތޮޅުގައި ހިދުމަތް ދެނީ 2 ރޫޓަށް ބަހާލައިގެންނެވެ. ހިދުމަތުގައި މިވަގުތު 2 ލޯންޗު ބޭނުންކުރާއިރު ދަތުރުތަކުގެ ރޫޓްތައް ކަނޑައަޅާފައިވަނީ އެއާޕޯޓް ހިދުމަތާއި އާންމު އެހެނިހެން ހިދުމަތްތައް ހޯދުމަށް އަތޮޅުގެ ވެރި ރަށަށް ދަތުރުކުރުމަށް ފަހިވާގޮތަށްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ދަށުން މިއަދުން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ބ. އަތޮޅުގެ ރައްޔިތުންނަށް ފެރީގައި ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.
އެއަށް ފަހު އާރްޓީއެލްގެ ހިދުމަތް ލިބޭނީ ޓިކެޓް ގަނެގެންނެވެ. ޓިކެޓް ނަގަން ޖެހޭނީ އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.
ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅާއި ނ. އާއި ރ. އަތޮޅުގައި މިހާރު ވެސް ވަނީ އާރުޓީއެލްގެ ހިދުމަތް ދޭން ފަށައިފަ އެވެ. އަދި ބ. އަތޮޅުގައި އެ ހިދުމަތް މިއަދު ފެށުމާއެކު، ޒޯން 2 ގެ ހުރިހާ އަތޮޅަކަށް އާރްޓީއެލްގެ ހިދުމަތް ފުޅާކުރެވުނީ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ކުރިއަށް އޮތް ތަނުގައި ޒޯން 2ގެ ހުރިހާ އަތޮޅެއް ގުޅާލައި، އާރްޓީއެލް ފެރީގެ ހިދުމަތް އެ ހަތަރު އަތޮޅުގައި ދެވޭނެ ކަމަށެވެ.
ބ. އަތޮޅާ އެކު އާރްޓީއެލް ހިދުމަތް ދޭ އަތޮޅުގެ އަދަދު 11 އަށް އެރީ އެވެ. އާރްޓީއެލްގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއު ގެންދަނީ ތިން ފޭސްއަކަށް ބަހާލައިގެން ހަ ޒޯނެއް ކަނޑައަޅައިގެންނެވެ. އެ ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. ފެރީގެ ހިދުމަތުގެ އެ މަޝްރޫއު ފެށީ 2022 ވަނަ އަހަރު އެވެ.

