
ބ. އޭދަފުށީގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގުމަށް ބިމެއް ދޫކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ބީލަން ކާމިޔާބުކުރި އޭދަފުށީ ފްރެންޑްމީ ގްރޫޕާއެކު، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ އޭދަފުށީ ކައުންސިލްގެ އިދާރާގައި ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ބިމުގެ އެއްބަސްވުމުގައި ކައުންސިލުގެ ފަރާތުން ރައީސް މުހައްމަދު ފާތިހު ސޮއިކުރެއްވިއިރު، ފްރެންޑް މީ ގްރޫޕުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޕާޓްނަރު އަހްމަދު ހަލީމު އެވެ.

އޭދަފުށީގައި ގެސްޓްހައުސް ވިޔަފާރި ފެށުމަށް، އަމިއްލަ ހަރަދުގައި ގެސްޓްހައުސްއެއް އިމާރާތްކޮށް، އެތަން ބަލަހައްޓައި ހިންގުމަށް ރަށުގެ ހުޅަނގު އުތުރު އަތިރިމަތީ ސަރަހައްދުން ފްރެންޑްމީ އަށް ދޫކޮށްފައިވަނީ 10،000 އަކަފޫޓޫގެ ބިމެއް 50 އަހަރަށެވެ.
ކައުންސިލުން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ފްރެންޑް މީ ގްރޫޕުން ދެ އަހަރުގެ ތެރޭގައި 40 ރޫމުގެ ގެސްޓް ހައުސްއެއް ތަރައްގީ ކުރާނެ އެވެ. އަދި ގެސްޓްހައުސް ހިންގުމަށް ދޫކުރި ބިމު ކުލީގެ ގޮތުގައި އަހަރަކު 240،000ރ ކައުންސިލަށް ލިބޭނެ ކަމަށްވެސް ރަށު ކައުންސިލުން ބުންޏެވެ.
އޭދަފުށީގައި ގެސްޓްހައުސް ވިޔަފާރި ފެށުމަށް ބިޑް ކާމިޔާބުކުރި ފްރެންޑް މީ ގްރޫޕަކީ ބ. އަތޮޅުގައި ވިޔަފާރީގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، ގިނަ އަހަރުތަކެއްގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ.
