
ބޭސްފަރުވާގެ ކަންކަމަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
މި އިންތިޒާމުގެ ދަށުން، ބޮޑެތި އަދި ދާއިމީ ބަލިތަކަށް ބޭސްފަރުވާ ހޯދާ ފަރާތްތަކަށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޅާވަމުން އަންނަ އާރުޓީއެލް ހިދުމަތް ބޭނުންކޮށްގެން ސިއްހީ ހިދުމަތްތައް ހޯދުމަށް ފަސޭހަވާނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ޔާސިރް، ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް މިދިޔަ ހަފުތާގައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިކަމަށް ބޭނުންވާ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ. މި މަސައްކަތް ކުރަނީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި އާރުޓީއެލް ފެރީގެ ހިދުމަތް ދޭ އެމްޓީސީސީއާ ގުޅިގެން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޔާސިރު ވިދާޅުވީ، މި ހިދުމަތް ފެށުމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އެ މަސައްކަތް މިހާރު ވަރަށް ގާތަށް ގޮސްފައިވާ ކަމަށެވެ. މި ހިދުމަތުގެ ދަށުން، ބޭސްފަރުވާ ކުރާ ބަލިމީހާ އާއި އޭނާއަށް އެހީތެރިވާ ފަރާތަކަށް ހިލޭ ދަތުރުކުރުމުގެ ފުރުސަތު ލިބޭނެއެވެ.
“ބީއެމްއެލްގެ ހާއްސަ ކާޑެއް ދޭނީ އެންސްޕާ މެދުވެރިކޮށް. އެ ކާޑު ބޭނުންކޮށްގެން ބަލިމީހާ އާއި އެހީތެރިޔާއަށް ހިލޭ ދަތުރުކުރެވޭނެ،” ޔާސިރު ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ވަނީ ރާއްޖޭގެ އުތުރުގެ ހުރިހާ އަތޮޅަކާއި ދެކުނުގެ ބައެއް އަތޮޅުތަކުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށާފައެވެ. އެންމެފަހުން މި ހިދުމަތް ފެށީ ބ. އަތޮޅުގައި، މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ އާރުޓީއެލް ހައިސްޕީޑް ފެރީގެ މަޝްރޫއަށް ސަރުކާރުން 800 މިލިއަން ރުފިޔާ ހަރަދުކުރެއެވެ.

