ތުޅާދޫން ދޭ 100 ހައުސިން ޔުނިޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފި

ތުޅާދޫގެ މަތިން ނަގާފައިވާ ފޮޓޯެއް. މަޝްރޫއުތައް ލަސްވެ ތުޅާދޫ ކައުންސިލުގެ ކަންބޮޑުވުންތައް ވަނީ ބަންޑުންކޮށްލާފައި. އަދަދު ފޮޓޯ/އާއިމް ޒަމީރު

ބ. ތުޅާދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓު ލިބޭނެ ފަރާތްތަކުގެ ވަގުތީ ލިސްޓު މިއަދު އާންމުކޮށްފި އެވެ.

މި ޔުނިޓުތަކަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ތުޅާދޫގެ ރައްޔިތުންނަށް ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

ތުޅާދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން އެ ރަށު ރައްޔިތުންނަށް ޚާއްސަކޮށްފައިވާ 92 ހައުސިން ޔުނިޓާއި، ތުޅާދޫއަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ 8 ހައުސިން ޔުނިޓަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓު މިހާރު ވަނީ އާންމުކުރެވިފަ އެވެ.

މި ވަގުތީ ލިސްޓާ ގުޅިގެން އެއްވެސް ޝަކުވާއެއް ނުވަތަ ހުށަހެޅުމެއް އޮތް ނަމަ، މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން، ސިޓީ މެދުވެރިކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ތުޅާދޫ ކައުންސިލަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އާންމުކުރެވިފައިވާ ވަގުތީ ލިސްޓުން ހާމަވާ ގޮތުގައި، ތުޅާދޫ ރައްޔިތުންނަށް ޚާއްސަ 92 ހައުސިން ޔުނިޓަށް 600 އަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާއިރު، ރަށުން ބޭރުގެ ފަރާތްތަކަށް ދޫކުރާ 8 ހައުސިން ޔުނިޓަށް ގާތްގަނޑަކަށް 100 ފަރާތަކުން ކުރިމަތިލާފައިވެ އެވެ. މިއީ ރަށުގެ ބޯހިޔާވަހިކަމުގެ ބޭނުން ބޮޑުކަން ހާމަވާ މިންވަރެކެވެ.

ތުޅާދޫގައި މި ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ޕްރިސިޝަން އިންޖިނިއަރިން ސާވިސަސްއާ ހަވާލުކުރެވުނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގަ އެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 79.6 މިލިއަން ރުފިޔާ އެވެ.

މި ހައުސިން ޔުނިޓުތަކަކީ 1,100 އަކަފޫޓުގެ ބޮޑުމިނުގެ ޔުނިޓުތަކެކެވެ. ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާޚާނާ، ސިޓިން ރޫމެއް، ބަދިގެއެއް، ސްޓޯރޫމެއްގެ އިތުރުން ލޯންޑްރީއަށް ޚާއްސަ ބައެއް ވެސް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.