ޓެކްސް ނުދައްކާ ނަމަ އަޅުގަނޑު ވެސް ޖަލަށް ލާންވީ: ސަލީމް

ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކައި މަކަރު ހަދާ ނަމަ އޭނާ ވެސް ޖަލަށްލައި އަދަބު ދޭންވީ ކަމަށާއި ބަރާބަރަށް ޓެކްސް ދައްކާ މީހުންނަށް އެއީ މައްސަލަކަށް ވެގެން ނުވާނެ ކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެން ވިދާޅުވީ، ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅައި، އެ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބޮޑެތި ބާރުތައް ދޭން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި ބިލްގެ ބަހުސްގައި ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސަލީމް ވިދާޅުވީ، ޓެކްސް ނުދެއްކުމުން ދޭ އަދަބު ބޮޑުކުރުމަކީ ކަސްޓަމްސްގެ އިންވޮއިސްތައް އޮޅުވާލައި، މަކަރު ހަދާ މީހުންނަށް ވަރަށް ބޮޑު މައްސަލައަކަށް ވާނެ ކަމަށެވެ.

“އެހެން ނަމަވެސް ރަނގަޅަށް މަސައްކަތް ކުރާ މީހުންނަށް މިއީ އެއްވެސް މައްސަލައަކަށް ނުވާނެ،” ސަލީމް ވިދާޅުވި އެވެ.

ސަލީމް ލަފާކުރެއްވި ގޮތުގައި މިހާރު ވެސް 15 ވަރަކަށް ބިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ދައުލަތަށް ނުލިބި އެބަހުއްޓެވެ. އަދި ދައުލަތުގެ ދަރަންޏަށް އަންނަ އަހަރު އެއް ބިލިއަން ޑޮލަރު ދައްކަންޖެހޭއިރު ޓެކްސް ފައިސާ ނުލިބޭ ނަމަ ދަތިތައް ކުރިމަތިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ، ރާއްޖޭގައި ނަގާ ޓެކްސްގެ އަދަދު ބޮޑެއް ނޫން ކަމަށެވެ. 

“ދުނިޔޭގެ އެހެން ތަންތަނުގައި ޓެކްސް އަށް 50 ޕަސެންޓު ވެސް ނަގާ. ސާޅީސް ޕަސެންޓު ވެސް ނަގާ. ތިރީސް ޕަސެންޓު ވެސް ނަގާ. އެހެން ނަމަވެސް ރާއްޖޭގައި ޓެކްސްތަކަށް ބަލާއިރު ބޮޑެއް ނޫން. ޓެކްސް މި ހުރީ ހަމަ ރާއްޖެ އަށް ފެތޭ ވަރަށް” ކަމަށް އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ޓެކްސް ނުދައްކާ މީހުންނަށް ދޭން ގާނޫނަށް ގެންނަ އިސްލާހުގައި ކަނޑައަޅާފައިވާ އަދަބުތައް ދޭން ވާނެ ކަމަށެވެ. އަދި އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި ނަގާ ޓެކްސްގެ އަދަދު ބޮޑެެއް ވެސް ނޫނެވެ. ގެންގުޅެނީ އެއް މިންގަނޑެކެވެ.

“އަޅުގަނޑަކީ ވެސް ވިޔަފާރިވެރިއެއް، އަޅުގަނޑު ޓެކްސް ނުދެއްކިޔަސް އަޅުގަނޑު ގެންގޮސް ޖަލަށް ލާންވީ. އެއީ އަޅުގަނޑަށް މައްސަލައެއް ނޫން. ޓެކްސްއަށް މަކަރު ހެދިޔަސް އަޅުގަނޑާ ދޭތެރޭ އަޅަންވީ ފިޔަވަޅު އަޅަންވީ،”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.