އޭދަފުށީގައި އެމްއެންޔޫގެ ކެމްޕަހެއް އިމާރާތް ކުރަން އެމްޓީސީސީއަށް

ބ. އޭދަފުށީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ކެމްޕަސްއެއް އިމާރާތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ، ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.

80.79 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް 720 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން، 6000 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ ދަރިވަރުންގެ އެކަމަޑޭޝަން ބްލޮކެއް އިމާރާތްކުރެވޭނެއެވެ. މީގެ އިތުރުން، 3200 އަކަފޫޓުގެ ސަރަޙައްދެއްގައި މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކެއްވެސް އިމާރާތްކުރެވޭނެއެވެ.

3500 މީހުންގެ އާބާދީއެއް ދިރިއުޅޭ މިރަށަކީ ތަޢުލީމީ ޒުވާނުން ގިނަ ރަށެއް ކަމަށްވެފައި، ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގައާއި ކައިރި ރިސޯޓްތަކުގައެވެ. އެމްއެންޔޫގެ ކެމްޕަހެއް މިރަށުގައި ޤާއިމުކުރެވިގެން ދިއުމަކީ ތަޢުލީމީ ދާއިރާއިން މިރަށަށާއި މުޅި ބ. އަތޮޅަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ އެހެނިހެން ވަސީލަތްތަކުގެ ތެރޭގައި، 3000 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އެޑްމިނިސްޓްރޭޓިވް ބްލޮކެއް، 4000 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ ކްލާސްރޫމް ބްލޮކެއް، އަދި 4000 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އެކަޑަމިކް ފެސިލިޓީޒް ބްލޮކެއް ހިމެނެއެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ވޭތުވެދިޔަ 44 އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.