
ބ. އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް މިއަދު ހުޅުވައި، އެ އޮފީހުން ޕާސްޕޯޓާއި އައިޑީ ކާޑުގެ ހިދުމަތް ދޭން ފަށައިފި އެވެ.
މި އޮފީސް ރަސްމީކޮށް ހުޅުވައި ދެއްވީ މިހާރު މި އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
އިމިގްރޭޝަން އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މި އޮފީހުން މިއަދުން ފެށިގެން ޕާސްޕޯޓަށް އެދި ހުށަހެޅުމާއި، ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތުގެ އިތުރުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމުގެ ހިދުމަތް ވެސް ލިބެން ހުންނާނެ އެވެ.

އޭދަފުށީ އިމިގްރޭޝަން އޮފީހުގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި، އެންމެ ފުރަތަމަ ޕާސްޕޯޓު ވެރިފަރާތާ ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. މި ރަސްމިއްޔާތުގައި އިމިގްރޭޝަން ކޮންޓްރޯލާ އަހުމަދު ފަސީހު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ސަރުކާރުގެ ހިދުމަތްތައް ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ބ. އަތޮޅުގައި ފެށި ފުރަތަމަ ހިދުމަތަކީ މިއަދު އޭދަފުށީގައި ހުޅުވި އިމިގްރޭޝަން އޮފީހުން ދޭ ހިދުމަތެވެ. މި ހިދުމަތް ފެށުމާ އެކު، އެ ސަރަހައްދުގެ ރައްޔިތުންނަށް ޕާސްޕޯޓާއި އައިޑީ ކާޑު ހެއްދުމަށް މާލެ އައުމުގެ ބުރަ ލުއިވެގެންދާނެ އެވެ.
